އެމްޑަބްލިޔުއެސްސީ އިން ނ. ހެނބަދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މުޅި މަޝްރޫއުގެ 80 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި އެ މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމްގައި ހިމެނޭ 4.83 ކިލޯ މީޓަރގެ ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ފެން ރައްކައުކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތައް ވަނީ ނިމިފަ އެވެ.

ހެނބަދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި ގާއިމްކޮށްފައިވާ އާރޯ ބިލިޑިން އިމާރާތް.. ފޮޓޯ: އެމްޑަބްލިޔުއެސްސީ

މީގެ އިތުރުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގގެ މަސައްކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތަކުގެ ބޮޑު ބެއް މިހާރު ވަނީ ނިމިފަ އެވެ. ހަމަ މިއާއެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު މި ރަށަށް ފޯރުކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހެނބަދޫގެ ފެނުގެ މަޝްރޫޢުއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގެ އަގަކީ 41.36 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހެނބަދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.