ފެލިވަރުގައި މަސްވެރިންނަށް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)އިން ތެލުގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި އެވެ.

މިފްކޯގެ ސައިޓްތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް ދިނުމަށް އެފްއެސްއެމްއަށް ހަވާލުކޮށްފައިވަނި މިދިޔަ މަހުގެ 3 ވަނަ ދުވަހުގަ އެވެ.

މި އެއްބަސްވުމުގެ ދަށުން އެފްއެސްއެމްއިން އަންނަނީ ކޫއްޑޫ އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ތެޔޮ ވިއްކަމުންނެވެ. އަދި މިހާރު ފެލިވަރު ކޮމްޕްލެކްސްއިން ވެސް މަސްވެރިންނަށް ތެޔޮ ވިއްކަން ވަނީ ފަށައިފަ އެވެ.

މިފްކޯގެ ސައިޓްތަކުން މަސްވެރިންނަށް ބޭނުންވާ މިންވަރަށް ތެޔޮ ގަންނަން ލިބޭ ގޮތުން އެފްއެސްއެމް މެދުވެރިކޮށް ހަމަޖެހުމުން އެއީ މަސްވެރިންނަށް ލިބޭނެ ފަސޭހައަކަށް ވާނެ އެވެ.

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން މަސްވެރިންނަށް ތެލުގެ ހިދުމަތް ފޯރުކޮށްދޭން ފެށުމުގެ ރަސްމިއްޔާތުގައި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ އެކުންފުނިން މަސްވެރިންނަށް މެދުނުކެނޑި ތެލުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ފެލިވަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދައުރު ވެސް ބޮ ޑުކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ މަސްދޯނިތަކަށް ތެޔޮ އެޅުމަށްޓަކައި މިހާރު ހޭދަވާ ވަގުތުކުޑަކޮށް، ވީހާވެސް އަވަހަށް އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިފްކޯއިން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 17.63ރ. އަށެވެ.

މި ރޭޓުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދަނީ މިފްކޯގެ މަސް ބޯޓުތަކުންނާއި، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކުންނެވެ.