އަންނަ އޭޕްރީލް 1 އިން ފެށިގެން ވަކި އަދަދަކަށް ވުރެ މަތީގެ ޗެކުތައް ބަލައިނުގަންނާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލްއިން މިގޮތަށް ނިންމީ ޗެކުން ކުރާ މުއާމަލާތްތައް މަދުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ)އިން ނިންމުމުންނެވެ.

ބީއެމްއެލް އިން ބުނީ އަންނަ އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން 50،000 ރުފިޔާއިން މަތީގެ އަދި 3،000 ޑޮލަރުން މަތީގެ ޗެކުތައް ބަލައިނުގަންނާނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ އެ އަދަދަށް ވުރެ މަތީގެ ޗެކުތައް ބަލައިގަތުން ހުއްޓާލި ނަމަވެސް ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ބީއެމްއެލައަށް އަދި އެހެން ބޭންކްތަކަށް ވެސް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އިންޓަނެޓް އަދި މޯބައިލް ބޭންކިންއަކީ ރައްކާތެރި ފަސޭހައިން ބޭނުންކުރެވޭނެ ހިދުމަތްތަކެއް ކަމަށާއި، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް 24 ގަޑިއިރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ޚިދުމަތް ލިބޭނެ ކަމަށެވެ. މި ގޮތަށް އެންމެ މަތީ އަދަދު ކަނޑައެޅިފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކްތައް ހިމެނޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލުން ވަނީ ބޭންކިން ޚިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަށް ރަޖިސްޓާކޮށްފައި ނުވާ އަމިއްލަ ފަރުދުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓާ ކުރެވޭނެ ކަމަށް ވެސް އެބޭންކުން ބުނެ އެވެ.