މިދިޔަ ޑިސެމްބަރު މަހުގެ ބޭންކުތަކުން ލޯނުގެ ގޮތުގައި ދޫކޮށްފައިވާ އަދަދު އޭގެ ކުރީ މަހާއި އަޅާބަލާއިރު 5 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކުން ނެރުނު ޖެނުއަރީމަހުގެ އިކޮނޮމިކް އަޕްޑޭޓް ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭންކުތަކުން ދޫކޮށްފައިވާ ލޯނުގެ އަދަދު ހުރީ އެއް ޕަސެންޓްގަ އެވެ. ނަމަވެސް ޑިސެމްބަރު މަހު އެ އަދަދު ވަނީ ޕަސެންޓަށް އިތުރުވެފަ އެވެ.

އެ ރިޕޯޓުން ދައްކާގޮތުން އިމާރާތްކުރުމުގެ ސިނާއަތް ފިޔަވައި މައިގަނޑު ގޮތެއްގައި ހުރިހާ ސިނާއަތަކަށް ވެސް ދޫކޮށްފައިވާ ލޯނުގެ އަދަދު އިތުރުވެފައިވެ އެވެ. އަދި މި މުއްދަތުގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކޮށްފައިވަނީ ޕާސަނަލް ލޯނު ނުވަތަ ވަކި ފަރުދުންގެ އަމިއްލަ ބޭނުމަށެވެ.

އެ މުއްދަތުގައި ޓޫރިޒަމަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 10 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އަމިއްލަ ބޭނުންތަކަށް ވަކި ފަރުދުންނަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 25 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވެފައިވާ ކަމަށް އެ ރިޕޯޓުން ދައްކަ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ޓޫރިޒަމް ސިނާއަތަށް ދިން ލޯނު އަހަރަކު ދަށަށް ގޮސްފައިވެ އެވެ. އެގޮތުން އާ ރިސޯޓް ހެދުމަށް ދިން ލޯނާއި ރިސޯޓްތައް މަރާމާތު ކުރުމަށް ލޯނު ދިން މިންވަރު މަދުވި ނަމަވެސް ވޯކިން ކެޕިޓަލްގެ ގޮތުގައި ދިން ލޯނު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.

އެމްއެމްއޭ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އިގްތިސޯދުގެ މައިގަނޑު ހުރިހާ ސިނާއަތްތައް ވެސް ވަނީ ކުރިއަރާފަ އެވެ. އޭގެ ތެރޭގައި އިމާރާތްކުރުމުގެ ސިނާއަތް، ޓޫރިޒަމް، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ވެސް ހިމެނެ އެވެ. އެގޮތުން، އެންމެ ބޮޑަށް ކުރިއަރާފައިވަނީ ޓޫރިޒަމްގެ ސިނާއަތް ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ޓޫރިޒަމް ސިނާޢަތް އެންމެ ބޮޑަށް ކުރިއެރި މައިގަނޑު އެއް ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރުވެ، އެ ދާއިރާއިން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރުވެފައި ވަނީ، އެ ދުވަސްވަރަކީ ރާއްޖޭގެ ޕީކް ސީޒަންކަމަށް ވުމުންނެވެ.