އާމްދަނީގެ ގޮތުގައި 13.6 ބިލިއަން ރުފިޔާ ލިބުނުއިރު ހަރަދު 25.4 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އާއްމުކުރި މާލީހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ އިތުރަށް ވަނީ 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން ޓެކްސްގެ ގޮތުގައި ލިބުނީ 10.2 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން ގޮތުގައި ލިބުނީ 2.6 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބުނީ 905.2 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން ރިކަރަންޓް ޚަރަދުގެ ގޮތުގައި 17.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެގޮތުން އެންމެ ބޮޑު ބައެއް ހޭދަކުރީ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގަ އެވެ. އެގޮތުން ނުވަ ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ހިންގުމު ހަރަދުގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 184.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ބަޖެޓްގެ ހަރަދުތަކުގެ ތެރެއިން ކެޕިޓަލް ހަރަދުގެ ގޮތުގައި 7.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.