ހޭންޑްބޯލް މޯލްޑިވްސްގެ މިއަހަރުގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ

އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނެރުނު ބަޔާނެއްގައި ދިރާގުން ބުނެފައިވަނީ އެ ކުންފުނީގެ ސީއެސްއާރު ސްޓްރެޓެޖީގެ މައިގަނޑު އެއް އަމާޒުކަމަށްވާ ޒުވާނުން ބާރުވެރިކުރުމުގެ ދަށުން އެ ކުންފުނިން ދަނީ ޒުވާނުންނަށް އައު ފުރުސަތުތައް ފަހިކޮށްދޭ ފަދަ ތަފާތު ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. މިގޮތުން ހޭންޑްބޯލް މޯލްޑިވްސްއާއެކު ކުރިއަށްގެންދާ މި ޕާޓްނަޝިޕް މެދުވެރިކޮށް ދިރާގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުން ބާރުވެރިކުރުވައި ހުނަރުވެރި ހޭންޑްބޯލް ކުޅުންތެރިން އުފެއްދުމަށް ދިވެހި ކުޅިވަރު މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުނެ އެވެ.

"ހޭންޑްބޯޅައިގެ މިއަހަރުގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހޭންޑްބޯޅައަކީ ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ކުޅެން ފެށި ކުޅިވަރެއް. އެގޮތުން އަޅުގަނޑުމެންގެ އުންމީދަކީ ހޭންޑްބޯލް މޯލްޑިވްސްއާއެކު މި ކުޅިވަރު އިތުރަށް ކުރިއަރުވާ ގިނަ ބަޔަކަށް ފުރުސަތުތަކެއް ހޯދައިދިނުން،" ދިރާގުގެ އެސިސްޓެންޓް މެނޭޖަ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ވަނީ ރާއްޖޭގައި ހޭންޑްބޯޅަ ކުރިއެރުވުމަށް ދިރާގުން ވެދެއްވާ އެހީތެރިކަމަށްޓަކައި އެކުންފުންޏަށް ޝުކުރު އަދާކޮށްފަ އެވެ.

"މި ޕާޓްނާރޝިޕް މެދުވެރިކޮށް އަޅުގަނޑުމެންގެ އަމާޒަކީ ދިރާގާއެކު ރާއްޖޭގައި ހޭންޑްބޯޅަ އިތުރަށް ޕްރޮމޯޓްކޮށް ކުރިއަށްއޮތް ތާނގައި ވެސް ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލު ކުރެވޭނެފަދަ ކުޅުންތެރިން ބިނާކުރުން،" މުޖުތަބާ ވިދާޅުވި އެވެ.

ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.