މާލެ ކައިރީގައި ދަތުރު ދާނެ ހާއްސަ ރަށެއް ނެތްތާ އެތައް އަހަރެއް ފަހުން، ސަރުކާރުން ތަރައްގީކުރި ކުޑަގިރިއަށް ދަތުރުދިއުމަށް ބުކިންއަށް މިއަދު ހަވީރު ހުޅުވާލައިފި އެވެ.

އަލަށް ތަރައްގީކުރި ޕިކްނިކް އައިލެންޑް ހިންގާ އެޗްޑީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މާކެޓިން އެންޑް ޕީއާރު ޑިރެކްޓަރު ނިއުޝާދު ޝަރީފް ވިދާޅުވީ ކުޑަގިރިއެމްވީ އިން މިއަދުގެ 4:00 ން ފެށިގެން ދަތުރު ދާން ބުކް ކުރެވޭނެ ކަމަށެވެ.

ހިއްކައިގެން ތަރައްގީކުރި ކުޑަގިރި އަންނަ ހޮނިހިރު ރަސްމީކޮށް ހުޅުވަން މިހާރު ވަނީ ތައްޔާރުވެފަ އެވެ.

އެއްފަހަރާ 500 ނުވަތަ 600 މީހުންނަށް ޚިދުމަތް ދެވޭނެ ފެސިލިޓީ ކުޑަގިރީގައި ގައިމްކޮށްފައިވީ ނަމަވެސް އަންނަ ހޮނިހިރު ދުވަހަކީ ކުޑަގިރި ރަސްމީކޮށް ހުޅުވާ ދުވަހަށް ވުމުން، އެ ދުވަހު ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 300 މީހުންނަށް ކަމަށް ނިއުޝާދު ވިދާޅުވި އެވެ.

ކުޑަ ގިރިއަށް ދަތުރުދާ ފަރާތްތަކުން ކުޑަ ގިރިއަށް ޚާއްސަ ކުރެވިފައިވާ ފެރީ ނުވަތަ ބޭނުން ނަމަ އަމިއްލަ ޓްރާންސްޕޯޓް ވެސް ހަމަޖައްސައިގެން ވެސް ދެވިދާނެ އެވެ. ކުޑަގިރިއަށް ދަތުރުދާ ދިވެހިން ފެރީއަށް ދައްކަންޖެހޭނީ ކޮޅަކަށް 25 ރުފިޔާ އެވެ. އަދި އެންޓްރަންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ 50 ރުފިޔާ އެވެ. އަދި 12 އަހަރުން ދަށުގެ ކުދިން ނަގާނީ މި އަގުތަކުގެ ދެބައިކުޅަ އެއްބަ އެވެ.

އަމިއްލަ އުޅަނދެއްގައި ކުޑަގިރިއަށްދާ ނަމަ އެއުޅަނދެއް ބޭއްވުމަށް ފީއެއް ނަގާނެ އެވެ. އެގޮތުން ދުވަހުގެ އެއްބައިގައި އުޅަނދު ބާއްވާ ނަމަ 250 ރުފިޔާ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ. ދުވަސް އެއްކޮށް ނަމަ 500 ރުފިޔާ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ.

ކުޑަގިރިއަށް ދަތުރު ދެވޭނީ ކުޑަގިރި އެޕްއިން ބުކްކޮށްގެންނެވެ. އެނޫން ގޮތަކަށް ކުޑަގިރިއައް އެތެރެ ނުވެވޭނެ އެވެ. އަދި ކުޑަގިރީގައި ގާއިމް ކޮށްފައިވާ އަށިތައް ވެސް ޓިކެޓް ބުކް ކުރާއިރު ބޭނުން ނަމަ ބުކް ކުރެވޭނެ އެވެ. އަށީގެ ގޮތުގައި ކުޑަގިރީގައި ގާއިމް ކޮއްފައި ވާނީ ކުޑަ އަށިތަކަކާއި ބޮޑު އަށިތަކެކެވެ. އެގޮތުން ކުޑައަށި ދުވަހެއްގެ އެއްބައި ނަމަ ފީއެއްގެ ގޮތުގައި 250 ރުފިޔާ ދައްކަން ޖެހެ އެވެ. މުޅި ދުވަސް ނަމަ 500 ރުފިޔާ އެވެ. ބޮޑު އަށި އެއްކޮން ނަގާނަމަ ފީއެއްގެ ގޮތުގައި 1،200 ރުފިޔާ ދައްކަން ޖެހެ އެވެ.

ކުޑަގިރީގެ ޚިދުމަތްތައް:

  • ފެރީ ކޮޅަކަށް 25 ރުފިޔާ
  • ސަރުކާރު ބަންދު ދުވަސްތައް ހިލޭ
  • އެންޓްރަންސް ފީ 50ރ
  • 12 އަހަރުން ދަށުގެ ކުދިންނަށް ފީގެ 1/2 އަގު
  • ކުޑަ އަށި 1/2 ދުވަހަށް 250ރ
  • ކުޑައަށި ދުވާލަކަށް 500ރ
  • ބޮޑު އަށި އެއްކޮށް 1200ރ

އެޗްޑީސީން ބުނީ ސަރުކާރު ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް ދަތުރުކުރާ ފަރާތްތަކުން ފީއެއް ނުނަގާނެ ކަމަށެވެ. މިގޮތަށް ހަމަޖައްސާފައި ވަނީ އާއްމުންނަށް ލުއިފަސޭހަ ކޮށްދީ، ވީހާވެސް ގިނަ މީހުންނަށް ރަށަށް ދަތުރުދިއުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް އެޗްޑީސީން ބުނެ އެވެ.

ނިއުޝާދު ވިދާޅުވީ ކުޑަގިރި ހުޅުވާއިރު ކަނޑައެޅިފައިވާ ގަވާއިދުތަކެއް އެބަހުރި ކަމަށާއި، އެގަވާއިދުތަކަށް ހުރިހާ ފަރާއްތަކުން ވެސް ސަމާލުކަން ދިނުމަށް މުހިންމު ކަމަށެވެ. އަދި ކުޑަގިރި އެއްވެސް މުދަލަކަށް ގެއްލުން ދީފިނަމަ ފިޔަވަޅު އަޅާނެ ކަމަށާއި ގެންދާ އަމިއްލަ އަގުބޮޑެތި މުދަލަށް ސަމާލުވާން ވާނެ ކަމަށާއި އެތަކެތި ގެއްލިއްޖެ ނަމަ އެޗްޑީސީން ޒިންމާ ނުވާނެ ކަމަށް ވެސް ނިއުޝާދު ވިދާޅުވި އެވެ.

"އަމިއްލަޔައް ރަށާށް ގެންދާ އަގުބޮޑެތި ތަކެތި މޯބައިލް ފޯން، ލެޕްޓޮޕް މި ކަހަލަ އެއްވެސް އެއްޗެއް ބެލެހެއްޓުމަކީ އެ ގެންގުޅުއްވާ ފަރާތުގެ ޒިންމާއެއް. އެހެންވީމަ އެކަންކަން އަމިއްލައައް ބައްލަވަން ވާނެ ވަރަށް ގިނަ ބޭފުޅުން އުޅޭނީ އެހެންވީމާ އެއިން އެއްޗެއް ގެއްލުނަސް މި ކޯޕަރޭޝަނުން ޒިންމާއެއް ނުނަގާނެ،" ނިއުޝާދު ވިދާޅުވި އެވެ.

ކުޑަގިރި

މީގެ އިތުރުން ކުޑަގިރިއަށް ދަތުރު ދާއިރު އާއްމު ގަވައިދާ މިންގަނޑާއި އެއްގޮތަށް ހުރިހާ ފަރާއްތަކުން ވެސް ހެދުން އެޅުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ. މިގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާއްތަކަށް ޚާއްސަ ދެ ސަރަހައްދެއް ހެދިފައިވާނެ ކަމަށާއި އެ ސަރަހައްދު ނޫން އެހެން ސަރަހައްދެއްގައި ދުންފަތުގެ އިސްއުމާލު ނުކުރުމަށް ވެސް ވަނީ އެދެ އެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ރަށަށް އެރުވުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކުޑަގިރި އާންމުންނަށް ހުޅުވާލެވިގެންދާއިރު މި ރަށުގައި ތަފާތު އެކި ކަންކަން ކުރެވޭނެ އެވެ. ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް މިތަނުގައި ކައިވެނީގެ ހަފުލާތަކާއި، އުފަން ދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށް ވެސް ފުރުސަތު އޮންނާނެ އެވެ. އެހެން ނަމަވެސް ހަފްތާ ބަންދުގައި އެ ފަދަ ހަފްލާތައް ބޭއްވުމަށް ފުރުސަތު ނުލިބޭނެ އެވެ.

ކުޑަގިރި މުޅިން ނިމިފައިވާއިރު އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައް ވެސް އެ ރަށުގައި ވަނީ ގާއިމުކޮށްފަ އެވެ. އެގޮތުން ކުޑަގިރިއަށް ދަތުރުދާ މީހުންނަށް ކޮންމެހެން ބޭނުންވާނެ އަސާސީ ޚިދުމަތްތައް ކަމަށްވާ ފާޚާނާ، ޗޭންޖިން ރޫމް އަދި ނާސިން ރޫމް ވެސް ވަނީ ގާއިމުކޮށްފަ އެވެ. އޭގެ އިތުރުން މިސްކިތަކާއި، ކްލިނިކަކާއި، ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން އެ ރަށުގައި ކެފޭއެއް ވެސް ގާއިމުކޮށްފައިވެ އެވެ.