އެޗްޑީސީން ހުޅުމާލޭގައި ޕައިލެޓް ޕްރޮޖެކްޓެއް ގޮތުގައި ސްމާޓް ޕާކިން ތައާރަފްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެޗްޑީސީން ސްމާޓް ޕާކިން ހަދާފައި ވަނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރީގައި ފިތުރޯނުމަގުގަ އެވެ.

"އާބާދީއާއެކު އިތުރުވަމުންދާ ވެހިކަލްތައް ޕާކު ކުރުމަކީ ބިންކުޑަ މި ރާއްޖޭގައި މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިވާ ވަރަށް ދަތި ކަމެއް. ހާއްސަކޮށް މާލެ އަދި ހުޅުމާލޭގައި ޕާކު ކުރުން ވަނީ ވަރަށް ވެސް އުނދަގޫ ކަމަކަށް ވެފައި. ޕާކު ކުރުމުގެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެޗްޑީސީން އަންނަނީ ތަފާތު ގިނަ މަސައްކަތްތައް ކުރަމުން،" އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ޕާކިންއަށް ހައްލެއް ހޯދުމުގެ ގޮތުން ދާދި ފަހުން ކާރު، އަދި ބަރު އުޅަނދު ފަހަރަށް ހާއްސަކޮށްގެން ޕާކު ކުރާނެ ޖާގަތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ދޫކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު އަންނަނީ ސްމާޓް ޕާކިން ހުޅުމާލޭގައި ތައާރަފު ކުރުމަށް ތައްޔާރު ވަމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހުޅުމާލޭގައި އެޗްޑީސީން އަލަށް ހަދާ ސްމާޓް ޕާކިން ޒޯނު. ފޮޓޯ: އެޗްޑީސީ

"ދިވެހިރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރާ ސްމާޓް ޕާކިންގެ ސަބަބުން ޕާކު ކުރުމުގެ ކަންކަމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އައުމަކީ ޝައްކެއް ހުރި ކަމެއް ނޫން. މިވަގުތު ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް ކުރިއަށް ގެންދިމަށް ހަމަޖެހިފައިވާ މި ސްމާޓް ޕާކިން ސޮލިއުޝަން ޓެސްޓު ކުރުމުގެ މަސައްކަތް ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ޕާކިން ޒޯނުގައި އެބަ ކުރިއަށް ދޭ،" އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ އަލަށް ހަދާ ސްމާޓް ޕާކިންގައި ޕާކިން ޖާގަ ރިޒާވްކޮށްފައިވާ ކާރު ޕާކު ކުރަން އަންނައިރު، ކާރުގެ ނަމްބަރު ޕްލޭޓްތައް ކެމެރާއެއް މެދުވެރިކޮށް ރީޑްވެގެން ހުޅުވޭ އޮޓޯ ބޫމް ގޭޓެއް ސްމާޓް ޕާކިން ޒޯންގައި ހަރު ކޮށްފައިވާނެ ކަމަށެވެ. އަދި ޕާކު ކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާ މި ޕާކިން ޒޯންގައި ހަރުކުރެވިފައި ހުންނާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

އޭގެ އިތުރުން ޒޯންގެ އެތެރޭގައިވާ ޕާކިން ޖާގަތައް ފެންނަ ގޮތަށް ހުންނަ ޑިޖިޓަލް ބޯޑެއް ޒޯންގެ ބޭރުގައި ހަރުކުރެވިފައި ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން، ހަމަ އެކަނި ކާރު ޕާކިންއަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭގައި އެޗްޑީސީން އަލަށް ހަދާ ސްމާޓް ޕާކިން ޒޯނު. ފޮޓޯ: އެޗްޑީސީ

"ޕާކު ކުރުމުގެ ކަންކަން ލުއިފަސޭހަކުރުމަށްޓަކައި ޕާކިން އެޕްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން. މި އެޕްލިކޭޝަން ވެގެންދާނީ ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ ކަމަކަށް. އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސްތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެ. އަދި ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕް ގެ ޒަރީއާއިން ފެންނާނެ،" އެ ކުންފުނިން ބުނެ އެވެ.