އަމީނީ މަގުގައި މިހާރު މަސައްކަތް ނިމިފައި ހުރި ސެގްމެންޓްތަކުގައި ތާރުއެޅުމުގެ މަސައްކަތް ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އާންމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމަށް މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިމަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އަމީނީމަގުގައި ތާރުއެޅުމަށް އާރްޑީސީން ގެނައި މެޝިން ބަހައްޓާނެ ޖާގަ މިނިސްޓްރީން އަދި ހަމަޖައްސައި ނުދެވޭތީ މިމަސައްކަތް އަވަސްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ މެޝިން ބަހައްޓާނެ ޖާގަ އާރުޑީސީއަށް ހަމަޖައްސާ ދެވުމުން ކުރިއަށް އޮތްތަނުގައި މިމަސައްކަތް ކުރިއަށް ގެންދާނީ އާރްޑީސީން ކަމަށެވެ.

އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

އަމީނީމަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިރުދޭމާ ހިނގުމާ އަމީނީމަގު ގުޅޭ ކަންމަތިން ފެށިގެން ކަލާފާނު ހިނގުމާ އަމީނީމަގު ގުޅޭ ކަންމައްޗާއި ހިސާބަށެވެ. އެއީ ގާތްގަނޑަކަށް 136 މީޓަރުގެ ސަރަހައްދެކެވެ.

މި ސެގްމަންޓުގެ މަސައްކަތް ފެށުމުގެ ގޮތުން އެ ސަރަހައްދުގެ ގާތައް ނެގުމުގެ މަސައްކަތް އާރުޑީސީން އަންނަނީ ކުރަމުންނެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިއަށްދަނީ... ފޮޓޯ: އާރުޑީސީ

އާރުޑީސީން ބުނީ މަގުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ތާރުއެޅުން ފިޔަވާ، ކޮންމެ ސެގްމަންޓެއްގެ މަސައްކަތް ނިމުމުން އެސަރަހައްދެއްގެ ވެލިގަނޑު ލެވެލްކޮށް އާއްމުނަށް ހުޅުވާލާ ގޮތަށް ކަމަށެވެ. އަދި ތާރު އަޅާނީ ބިލަބޮންގް ސްކޫލާ ހިސާބަށް ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ކަމަށް އާރްޑީސީން ބުނެ އެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މުޅި މި މަޝްރޫއުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނެ އެވެ. މި މަސައްކަތް ސަރުކާރުން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ އަގު 84 މިލިއަން ރުފިޔާއަށް އަރަ އެވެ.