ދައުލަތުގެ އޮފީސްތަކާއި، ސަރުކާރުގެ ޑިޕާޓުމަންޓްތަކާއި އޭޖެންސީތަކުގެ އިތުރުން ކައުންސިލްތަކުން، ދައުލަތުގެ ފައިސާ ޓްރެޝަރީ ސިންގަލް އެކައުންޓްގެ ނިޒާމުގެ ތެރެއިން ހުޅުވާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް އުސޫލެއް އެކުލަވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ބޭންކިން ނިޒާމުގެ ތެރެއިން ދައުލަތުގެ ފައިސާ ބެލެހެއްޓުމުގައި އަމަލު ކުރާނެ އުސޫލު ގެޒެޓްކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި އުސޫލު އެކުލަވާލުމުގެ ބޭނުމަކީ ދައުލަތުގެ ކޭޝް ފްލޯއާއި ދައުލަތުގެ އޮފީސްތަކުގެ ނަމުގައި ހުޅުވާ ބޭންކް އެކައުންޓްތަކުގައި ހުންނަ ދައުލަތުގެ ފައިސާ ހަރުދަނާކަމާއެކު އިތުބާރުހުރި ގޮތެއްގައި ބެލެހެއްޓުމާއި، ދައުލަތުގެ ބޭންކް އެކައުންޓްތަކުގެ ކޭޝް ބެލެންސް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށް ކަމަށެވެ.

ދައުލަތުގެ ފައިސާ ބެލެހެއްޓުމުގައި އަމަލު ކުރާނެގޮތް ކަނޑައަޅާ ފިނޭންސް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އުސޫލުގައިވާގޮތުން، ދައުލަތުގެ އޮފީސްތަކާއި ސަރުކާރުގެ ޑިޕާޓުމަންޓުތަކާއި އޭޖެންސީތަކުގެ އިތުރުން ކައުންސިލްތަކުން ދައުލަތުގެ ފައިސާ ޖަމާކޮށް ބަލަހައްޓަން ވާނީ ޓްރެޝަރީ ސިންގަލް އެކައުންޓުގެ ނިޒާމުގެ ތެރެއިން ހުޅުވާ ޕަބްލިކް ބޭންކު އެކައުންޓަށެވެ.

މި ބޭންކް އެކައުންޓްތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބީއެމްއެލްގައި ވެސް ހުޅުވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަދި އެކައުންޓަތައް ބަލަހައްޓާނީ ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ ފަރާތްތަކުން ކަމަށް ވެސް އެމިނިސްޓްރީން ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެމްއެމްއޭގެ މަރުކަޒެއް ނުވަތަ އެ އޮތޯރިޓީގެ އެކައުންޓެއް ހުޅުވާފައިވާ ބޭންކެއް ނެތް ރަށްރަށުގެ ކައުންސިލްތަކާއި އެފަދަ ރަށްރަށުގައި ހުންނަ ދައުލަތުގެ އޮފީސްތަކުން، އެ ފަރާތްތަކުގެ އެކައުންޓު ހުޅުވަން ބޭނުންވާ ބޭންކުގައި އެކައުންޓު ހުޅުވުމުގެ ހުއްދައަށް އެދި އެ އޮފީހެއްގެ ނުވަތަ ކައުންސިލެއްގެ ނަމުގައި ފިނޭންސް މިނިސްޓަރަށް ސިޓީއެއް ފޮނުވަން ޖެހޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މަޝްރޫއުތަކާއި ގުޅޭ ގޮތްގޮތުން ލިބޭ ފައިސާއާއި ހިލޭ އެހީގެ ދަށުން ލިބޭ ފައިސާގެ އިތުރުން، ލޯނުގެ ގޮތުގައި ލިބޭ ފައިސާ ވަކި އެކައުންޓުތަކަށް ޖަމާ ކުރެވޭނެ އުސޫލު ވެސް ކަނޑައަޅާފައިވެ އެވެ. އެ އުސޫލުގެ ދަށުން ބޭންކް އެކައުންޓަށް ހުޅުވުމަށް ހުއްދަ ދޭނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ ފިނޭންސް މިނިސްޓަރަށް ލިޔުމަކުން ހުށައެޅުމުންނެވެ.

މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މި އުސޫލަށް އަމަލު ކުރަން ފަށާފައިވާ ކަމަށް ފިނޭން މިނސްޓްރީން ބުނެ އެވެ.