އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އިސްތިސްނާ ދީފައިވާ މަޝްރޫޢުތަކުގެ ލިސްޓެއް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ވިޔަފާރި މަޝްރޫޢުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން ޚާއްޞަ އިސްތިސްނާ ދިނުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާއާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު ދަށުން އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތްތަކުގެ ދަފުތަރެއް އެ މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަޕްޑޭޓްކުރަން ޖެހޭ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މި ލިސްޓު މިހާރު ވަނީ އާއްމުކޮށްފަ އެވެ. އެގޮތުން ޖުމްލަ ދިހަ މަޝްރޫއެއް ޓެކްސް ދެއްކުމުން އިސްތިސްނާވެ އެވެ. ޓެކްސް ދެއްކުމުން އެކުންފުނިތައް އިސްތިސްނާ ވަނީ މި މަޝްރޫޢު ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ، ދިވެހި ސަރުކާރާއި އިންޑިއަން އެކްސްޕޯޓު އިމްޕޯޓު ބޭންކާއި ދެމެދު ސޮއިކޮށްފައިވާ، ޑޮލަރު ކްރެޑިޓް ލައިން އެގްރީމަންޓުގެ ދަށުން މި މަޝްރޫއާ ގުޅިގެން ދައްކަން ޖެހޭ ޓެކްސް އިސްތިސްނާކުރުމަށް އެއްބަސްވެފައި ވާތީ އެވެ.

ޓެކްސް ދެއްކުމުން އިސްތިސްނާވާ މަޝްރޫޢުތައް ކުރިއަށްގެންދާ ކުންފުނިތަކުގެ ތެރޭގައި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި، ޖޭއެމްސީ ޕްރޮޖެކްޓްސް އިންޑިއާ ލިމިޓެޑް އަދި ޝާހް ޓެކްނިކަލް ކޮންސަލްޓެންސް ޕްރައިވެޓް ލިމިޓެޑު ފަދަ ކުންފުނިތައް ހިމެނެ އެވެ. މިއީ ރާއްޖޭގައި މިހާރު ކުރިއަށްދާ އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތައް ކުރިއަށް ގެންދާ ކުންފުނިތަކެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ޓެކްސް ދެއްކުމުން އިސްތިސްނާވާ ފަރާތްތަކުގެ މައުލޫމާތުތައް އާއްމުކޮށް، އެ ފަރާތްތަކުގެ ދަފްތަރު އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފަ އެވެ.