އިޢާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ ނިޒާމެއް ގުޅިފަޅުގައި ގާއިމުކުރުމަށް، މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ޖަޕާނުގެ ހިޓާޗީ ޒޯސެން ކޯޕަރޭޝަން އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސް އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މީރުމާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަމިނަތު ޝައުނާ އަދި ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޓަކެއުޗީ މިޑޮރީ އެވެ.

އެމްޑަބްލިޔުއެސްސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ. ހިޓާޗީ ޒޯސެން ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މިޔާގީ ޓައިޔޯ އެވެ. އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު އެވެ.

އެމްއޯޔޫގެ ދަށުން ގުޅިފަޅުގައި އިޢާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއެއް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން، ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރުއޯ ޕްލާންޓެއް ބެހެއްޓުމާއި، 500 ކިލޯވޯޓްގެ ސޯލާ ޕީވީ ސިސްޓަމެއް ބެހެއްޓުމާއި އަދި 1,450 ކިލޯވޯޓް ޕާ އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް އިންސްޓޯލުކުރުން ހިމެނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"އިޢާދަކުރުވަނިވި ހަކަތަ މެދުވެރިކޮށް ސާފު ރައްކާތެރި ބޯފެން އުފެއްދުމުގެ މިމަޝްރޫޢުއަކީ ޖަޕާނުގެ ސަރުކާރާއި ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަ ފައުންޑޭޝަން އާއި ހިޓާޗީ ޒޯޝެން އަދި ރިނިއުބަލް އެނާޖީ މޯލްޑިވްސް އިން ފަންޑް ކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެއް،" އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި ދިވެހި ސަރުކާރުން 2030 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ "ކާބަން ނެޓް ޒީރޯ އެމިޝަންސް" ކުރުމަށް އަމާޒު ހިފާފައިވާއިރު، އިޢާދަކުރުވަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްމަންޓް ކުރުމަކީ މުހިންމުކަމެކެވެ.

"އެމްޑަބްލިޔުއެސްސީގެ އަމާޒަކީ މިމަޝްރޫޢުގެ ސަބަބުން ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ޚިދުމަތް ފޯރިކޮށްދިނުމުގައި އަދި އޮޕަރޭޝަން ތަކުގައި އިޢާދަކުރެވޭ ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރު ކުރުމާއިއެކު ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތައާރަފްކޮށް އީޖާއީ ކުންފުންޏަކަށް ވުން،" އެމްޑަބްލިއުއެސްސީން ބުންޏެވެ.