މުވައްޒަފުންނަށް އިޖުތިމާއީ ދިރިއުޅުމުގައްޔާއި މަސައްކަތުގެ މާހައުލުގައި އެހީތެރިކަން ފޯރުކޮއްދިނުމުގެ ގޮތުން "ލިޓްލް ވޮންޑާސް" ގެ ނަމުގައި އެސްޓީއޯއިން ޕްރޮގުރާމެއް ފަށައިފި އެވެ.

އެސްޓީއޯ ޓްރެއިނިން ސްކޫލުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ޕްރޮގުރާމު އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އެ ކުންފުނީގެ ޖެނެރަލް މެނޭޖާ އޮފް ޕީޕަލްސް އޮޕަރޭޝަންސް، މަރިޔަމް ނުޒުލާ އެވެ.

އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގުރާމަކީ އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކުދިން މަސައްކަތު ގަޑީގައި އިތުބާރު ހިފޭ ޑޭ ކެއާ ފެސިލިޓީއެއްގައި ބޭއްތިއްބުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެ ކުންފުނިން ފެށި ޕްރޮގުރާމެކެވެ.

އެސްޓީއޯގެ އަމިއްލަ އިސްނެގުމުގެ މަތިން ފެށި އެ ޕްރޮގުރާމުގެ އެންމެ ބޮޑު އެއް އަމާޒަކީ މުވައްޒަފުންގެ މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް އަށް އެހީތެރިވެދިނުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ބިނާކުރުމަށް އެހީތެރިވެދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯގެ "ލިޓްލް ވޮންޑާސް" ޕްރޮގުރާމު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވާހަކަދައްކަވަނީ. ފޮޓޯ: އެސްޓީއޯ

މިއަދު ފެށި އެ ޕްރޮގުރާމުގައި އަށް އަހަރަށް ވުރެ ހަގު ކުދިން ތިބޭ އެސްޓީއޯގެ ކޮންމެ މުވައްޒަފަކަށް ވެސް ބައިވެރިވެވޭނެ އެވެ. އެ ޕްރޮގުރާމުގައި ބައިވެރިވާ ކޮންމެ މުވައްޒަފަކަށް ވެސް އެ މުވައްޒަފަކު އިހުތިޔާރު ކުރާ ޑޭ ކެއާއެއްގައި (ރެޖިސްޓަރީ ކޮށްފައިވާ) ކުދިން ބޭތިއްބުމަށް އެހީގެ ގޮތުގައި 2500ރ. އާ ހަމައަށް އެސްޓީއޯއިން ދޭނެ އެވެ.

އެސްޓީއޯ ލިޓްލް ވޮންޑަސް ޕްރޮގްރާމްގެ ތަފްސީލު:

އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގްރާމްގައި އެސްޓީއޯގެ ކޮންމެ މުވައްޒަފަކަށްވެސް ބައިވެރިވެވޭނެ އެވެ. މިއީ އެސްޓީއޯގެ އެއްވެސް މުވައްޒަފެއް ބާކީ ކުރުމާ ނުލާ، ހުރިހާ މުވައްޒަފުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހުޅުވާލުމުގެ އަމާޒާއެކު ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.

މި ޕްރޮގްރާމްގައި އެސްޓީއޯއިން 8 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް، ރަޖިސްޓްރީކޮށްފައިވާ ޑޭކެއާ ފެސިލިޓީއެއްގައި ބައިވެރިވުމަށް ކޮންމެ މަހަކު 2،500ރ. އާ ހަމައަށް އެހީތެރިވެދޭނެ އެވެ.

"އެސްޓީއޯގެ ވިސްނުމަކީ ކުންފުނިން ކަނޑައަޅާ ވަކި ފެސިލިޓީތަކެއްގައި ހުރިހާ މުވައްޒަފުން ރެގިސްޓްރީވުމުގެ ބަދަލުގައި، އެ މުވައްޒަފަކު ބޭނުންވާ، އަދި އިތުބާރު ކުރެވޭ ފެސިލިޓީއެއްގައި އެސްޓީއޯ މެދުވެރިކޮށް ރެގިސްޓްރީވުމުގެ އިހްތިޔާރު ދޫކޮށްލުން. އެއީ މުވައްޒަފުންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވީހާ ވެސް ފުޅާކޮށް ބާރުއެޅުމުގެ އަމާޒުގައި،" އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯގެ ވިސްނުން:

އެ ކުންފުނިން ދެކޭގޮތުގައި ދުޅަހެޔޮ މަސައްކަތުގެ މާހައުލެއް އެކުލަވާލުމުގައި ކޮންމެހެންވެސް ކުރުން ލާޒިމުކަމެކެވެ. އެސްޓީއޯ ތަރައްގީކުރުމުގައި ދެޖިންސުގެ މީހުން ވެސް މުހިއްމު ދައުރެއް އަދާކުރެ އެވެ. އެގޮތުން، މަސައްކަތްކުރާ ބެލެނިވެރިންނަކީ ގައުމުގައި ޑިމޮގްރަފިކް ޓްރެންޑެއް އިތުރުވަމުންދާ ކަމެކެވެ. އެވްރެޖްކޮށް ބެލެނިވެރިން ދުވާލަކު 8 ގަޑިއިރު މަސައްކަތުގައި ހޭދަކުރެ އެވެ. ކުޑަކުދިން ބަލަހައްޓައިދިނުމަކީ އަބަދުވެސް މަސައްކަތްކުރާ ބެލެނިވެރިންގެ ވަރަށް ބޮޑު ބޭނުންތެރިކަމެކެވެ.

"އަދާކުރާ ވަޒީފާއާއި ދިރިއިޅުމަކީ ގުޅުމެއްނެތް ތަފާތު ދެކަމެއްކަމުގައި ދެކުން މާޒީވެއްޖެ. ދިރިއުޅުމުގައި ދިމާވާކަންކަމުން މަސައްކަތަށް އަސަރުކުރާނޭކަމީ އަދުގެ ކުންފުނިތަކުން ގަބޫލުކުރަންޖެހޭ ހަގީގަތެއް. އެގޮތުން ދިރިއުޅުމާއި މަސައްކަތް ބެލޭންސް ކުރުމުގައި އެހީތެރިވެދިނުމުގައި ކުންފުނިތަކުގެ ދައުރު ބޮޑު. އަދި މިފަދަ ބަދަލުތައް ތައާރަފްކޮށް ކިޔައިދިނުމުގައި އެސްޓީއޯގެ ދައިރުވެސް އެހާމެ ބޮޑު،" އެސްޓީއޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެސްޓީއޯއިން އަންނަނީ އަބަދުވެސް މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ ތަފާތު މައްސަލަތައް ދެނެގަތުމުގައި ސާވޭތައް ހަދަމުން ކަމަށެވެ.

"މިގޮތުން ޑޭކެއާހިދުމަތާއި ބޭނުން ދެނެގަތުމުގެ މަސައްކަތްތަށް ކުރިއަށް ގެންދަމުންއަންތާ އަހަރެއް ފުރިހަމަވެއްޖެ. މި ކުންފުނީގެ އުންމީދަކީ އެސްޓީއޯ ލިޓްލް ވޮންޑާސް ޕްރޮގްރާމްއާއި އެކު ކުޑަކުދިންނަށް ޚާއްސަ، ގޭގައި ފަދަ ފެންވަރު ރަނގަޅު މާހައުލެއްގައި ކުދިންގެ އިޖުތިމާއީ ހުނަރާއި ޢިލްމު ބިނާކުރުމަށް ޚާއްޞަކޮށްފައިވާ ޕްރޮގްރާމްތަކާއެކު ކުދިންނަށް ޚާއްސަ ޚިދުމަތްތަކެއް ލިބިގެންދިއުން،" އެސްޓީއޯއިން ބުންޏެވެ.