ބާދަގަނޑުގެ ވިޔަފާރި ކުރާ މީހުންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވަގުތީ ގޮތުން ބިން ދޫކުރުމަށް އެޗްޑީސީން ނިންމައިފި އެވެ.

އެ ކުންފުނިން ނެރުނު އިއުލާނުގައި ވަނީ ހުޅުމާލޭގައި މި ވަގުތު ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާތީ، ބާދަގަނޑުގެ ވިޔަފާރިކުރާ މީހުން އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް، އެ ވިޔަފާރިކުރާ މީހުން މަގުމައްޗާއި ދުވާރުމަތި ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.

އެހެންވެ، އެ މައްސަލައަށް ހައްލެއް ހޯދުމަށް ވަގުތީ ގޮތުން ބިން ދޫކުރަން ނިންމާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މެރީނާ އައިލެންޑް ސަރަހައްދުންނެވެ.

ނަމަވެސް އެ ވިޔަފާރި އަށް ދޫކުރަނީ ކިތައް ބިން ކަމާއި ދޫކުރަނީ ކިހާ މުއްދަތަކަށް ކަމެއް އެޗްޑީސީން އަދި ނުބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި، ބިން ހޯދުމަށް އެދޭ ފަރާތަކީ ވިޔަފާރި ހުއްދަ އާއި އެކްސްޕޯޓް ލައިސެންސް އޮތް ފަރާތެއް ކަމުގައި ވާންޖެހޭނެ އެވެ. އެ ކުންފުންޏަށް ދައްކަންޖެހި ނުދައްކާ އެއްވެސް ފައިސާއެއް އޮތް ފަރާތަކަށް ވެގެން ނުވާނެ އެވެ.

މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެ ބިންތަކަށް ކުރިމަތިލާން ވަނީ ހުޅުވާލައިފަ އެވެ. އެކަމަށް އެދޭ ފޯމު އެޗްޑީސީގެ ރިސެޕްޝަނުން ލިބޭނެ ކަމަށް ބުންޏެވެ.

އެޗްޑީސީން ވަނީ ގަވާއިދާ ހިލާފަށް އާންމު ތަންތަނުގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.