ޗައިނާއާއި ރާއްޖެއާ ދެމެދު އޮންއެރައިވަލް ވިސާ ދޭން ސޮއިކުރި އެއްބަސްވުމަށް އަމަލުކުރަން ފަށައި، އޮން އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.

މިއީ މިދިޔަ އަހަރު ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ ވިސާ ފްރީ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ނަމަވެސް ކޮވިޑްގެ ޙާލަތާ ގުޅިގެން މިހާތަނަށް އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ ފަސްކޮށްފަ އެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީމް މިއަދު ކުރި ޓުވީޓެއްގައި ވަނީ އޮންއެރައިވަލް ވިސާ ދިނުމަށް ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް އަމަލުކުރަން ފަށާފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން ޗައިނާގެ ރައްޔިތުންނާއި ދިވެހިންނަށް އެއް ގައުމު އަނެއް ގައުމަށް ދަތުރުކުރާއިރު، 30 ދުވަހަށް ވުރެ ދިގު ނޫން މުއްދަތުގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ޗައިނާ އެމްބަސީން ބުނެ އެވެ. މީގެ ތެރޭގައި ފަތުރުވެރިންނާ، ވިޔާފާރި އަދި އާއިލާއަށް ދަތުރުކުރާ މީހުންނާއި، ޓްރާންސިޓް ކުރާ މީހުންނަށް ވެސް، ކުރިއާލައި ވިސާ ނަގަން ނުޖެހި އޮން އެރައިވަލް ވިސާ ލިބޭނެ އެވެ.

ނަމަވެސް މަސައްކަތަށާއި ދިރިއުޅުން ބަދަލުކުރުމާއި، ނޫސްވެރިކަންކުރުން ފަދަ މަސައްކަތްތަކުގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރާ މިހުން ކުރިއާލައި ވިސާ ނަގަން ޖެހޭނެ އެވެ. އަދި ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހޯދަން ޖެހޭނެ އެވެ.

2020ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19ގެ ހާލަތާއެކު، ރާއްޖެއާއި ޗައިނާއާއި ދެމެދު ސީދާ ދަތުރުތައް ހުއްޓާލި އެވެ. ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށްފަހު، މިދިޔަ މަހު 18 އިން ފެށިގެން ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ވަނީ ފަށައިފަ އެވެ. އެންމެ ފުރަތަމަ ދުވަހު ވެސް 198 ފަތުރުވެރިން އައިސްފައިވެ އެވެ.

މި ފެށި އޮން އެރައިވަލް ވިސާއާއިއެކު އެންމެ ބޮޑު ލުއިފަސޭހައެއް ދިވެހި ވިޔަފާރިވެރިންނަށެވެ.