އައިލެންޑް އެވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މުވައްޒަފުންގެ މުސާރަ އަންނަ މާޗް މަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.

މުސާރައިގެ އިތުރުން ކޮވިޑާ ގުޅިގެން ކުންފުނީގެ މުވައްޒަފުންގެ މުސާރައިން ކަނޑާލާފައިވާ އިނާޔަތްތައް އަލުން ދޭން ނިންމިކަން ވެސް ރޭ އިއުލާންކުރި އެވެ.

ރޭ ބޭއްވި އެ ކުންފުނީގެ ސްޓާފް ނައިޓްގައި ކުންފުނިން ހޯދާފައިވާ ކާމިޔާބީތަކާއި އަދި މުވައްޒަފުންގެ ކުރިއެރުމާއި ލާބައަށް ކުރަމުންދާ މަސައްކަތްތައް ދައްކާލި އެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އަންނަ މާޗް މަހުން ފެށިގެން މުވައްޒަފުންގެ އަސާސީ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި މި ބަދަލާއެކު މުވައްޒަފުން ޕެންޝަނަށް ރައްކާކުރާ މިންވަރު ވެސް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާދު ވިދާޅުވީ މިހުރިހާ ބަދަލެއް އެކުންފުނިން ގެންނަނީ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހޯދާއިދީ، ގާބިލް މުވައްޒަފުން ކުންފުނީގައި ދެމެހެއްޓުމަށް ކަމަށެވެ.

"މުވައްޒަފުންގެ ޓިކެޓަށް ދައްކާ ފިއުލް ޗާޖް މާޗް މަހުގެ 1 އިން ފެށިގެން ކަނޑާލަންވަނީ ނިންމާފައި. އަދި މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެނައުމަށް ކުންފުނިން ވަނީ ނިންމާފައި،" މިހާދު ވިދާޅުވި އެވެ.

އައިއޭއެސް މިއަހަރުގެ އެނުއަލް ސްޓާފް ނައިޓްގައި ބައިވެރިވި މުވައްޒަފުންތަކެއް. ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ވެސް ކޮވިޑް-19ގެ ސަބަބުން ކުޑަކުރި އިނާޔަތްތަކުގެ ތެރެއިން އިތުރު ޢިނާޔަތްތައް އަލުން ދޭން ފެށުމަށް ނިންމިކަން ވެސް އިއުލާންކުރި އެވެ. އެގޮތުން މުވައްޒަފުންނަށް ދޭ ޓިކެޓް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކަނޑާލާފައި އޮތުމަށްފަހު އަލުން އެ ޓިކެޓުގެ އިނާޔަތްތައް ވެސް އިޔާދަކުރުމަށް ނިންމިކަން އިއުލާންކުރި އެވެ. އޭގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ޓިކެޓުގެ ފިއުލް ސާ ޗާޖްގެ ގޮތުގައި ދައްކާ ފައިސާގެ ޕަސެންޓް ވެސް މުވައްޒަފުންގެ އަތުން ނުނަގާ ގޮތަށް މާޗް މަހުން ފެށިގެން ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަންގެ ސްޓާފް ނައިޓްގައި ވަނީ އެ ކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އެވޯޑު ދެއްވާފަ އެވެ.