މިއަހަރުގެ މިހާތަނަށް މަސްވެރިން އަތުން 12،000 ޓަނުގެ މަސް ގަނެ 198 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން ވަނީ މިދިޔަ އަހަރު މަސްވެރިންގެ އަތުން 1 ބިލިއަން ރުފިޔާގެ މަސް ގަނެފަ އެވެ. އެއީ މިފްކޯގެ 12 އަހަރުގެ ތާރީޚުގައި ވެސް މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރި އަހަރެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މިދުވަސްވަރު މަސްވެރިކަން އާދަޔާހިލާފަށް ރަނގަޅުވެ، މިއަހަރުގެ މިހާތަނަށް 12،000 ޓަނުގެ މަސް ގަނެފައިވާ ކަމަށެވެ.

"މިއަހަރު ފެށުނުއިރު މަސްވެރިކަން ރަނގަޅު. އެހެން ނަމަވެސް ޖެނުއަރީ މަހު މަސްވެރިކަންދަށްވި. އަނެއްކާ ފެބްރުއަރީ މަހު މިވަނީ މަސްވެރިކަން ރަނގަޅުވެފައި،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މިފްކޯއަށް ކިރުވާ މަހަށް 7 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ބައެއް ފަހަރު ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އެކަންކަމަށް ހައްލު ހޯދުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"މަސްވެރިންނަށް ހައްލު ހޯދާނީ ސަރުކާރާ ގުޅިގެން މިފްކޯއިން ކުރިއަށް ގެންދާ ތަރައްގީގެ މަސައްކަތްތަކުން. މަސްވެރިންނަށް ފައިސާ ދިނުމުގައި މަސް ކިރުވާތާ ހަތް ދުވަސްތެރޭ ފައިސާ ދިނުމަށް މަސައްކަތްކުރަން. އެކަމަކު ބައެއް ފަހަރު ގޮންޖެހުންތަކާ ދިމާވޭ. އެހެން ނަމަވެސް ފައިސާ ނުދެވި ހޭދަވާ މުއްދަތު ކުޑަކުރުމަށް މަސައްކަތްކުރަން،" އޭނާ ވިދާޅުވި އެވެ