ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ބަހައްޓައި، ހިންގަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ފެނަކަ އާއި މާބައިދޫ ކައުންސިލާ ދެމެދު މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އަދި މާބައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމެވެ.

މި އައިސް ޕްލާންޓު ތަރައްގީކުރުމުގެ މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މިދިޔަ ޖެނުއަރީމަހުގެ ތެރޭގައި ވެސް ވަނީ ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފަ އެވެ. އެއީ ގދ. ފިޔޯރީ އަދި ގދ. މަޑަވެލީގައި އައިސް ޕްލާންޓެއް އެޅުމުގެ މަސައްކަތެވެ.

މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ 10 ސަރަހައްދެއްގައި ވަނީ އައިސް ޕްލާންޓް ގާއިމުކޮށްފަ އެވެ. އޭގެ ތެރޭގައި ރ. މަޑުއްވަރީ، ބ. ތުޅާދޫ، ޅ. ފެލިވަރު، ކ. ގާފަރު، ފ. ފީއަލި، ފުވައްމުލައް ސިޓީ، އަދި ސ. ހުޅުމީދޫގައި 2 އައިސްޕްލާންޓްގެ އިތުރުން ހއ.ހޯރަފުށީގަ އެވެ. މިއީ މުޅިން ވެސް 25 ޓަނުގެ އައިސް ޕްލާންޓްތަކެވެ.

މިއަހަރު ނިމުމުގެ ކުރިން އިތުރު 15 އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިއީ މަސްވެރިންނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސޭހަކަމާއެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެކެވެ.