ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިދުވަސްވަރު ޖައްސާ ބައިނަލްއަގުވާމީ ފްލައިޓްތައް އިތުރުވަމުން އަންނާތީ އެ ފްލައިޓުތަކަށް ޖާގަ ދިނުމަށް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.

އެ އެއާޕޯޓު ހިންގާމޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ބައިނަލްއަގުވާމީ ފްލައިޓްތައް އިތުރުވެފައިވާތީ އެ ފްލައިޓުތަކަށް ޖާގާ ދިނުމަށް ރާއްޖޭގެ އެތެރޭގެ އުދުހުންތައް އެއާޕޯޓުގެ ނޯތު އެޕްރަންއަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު ޖުލައި 15ގައި އަލުން ހުޅުވާލިފަހުން ރާއްޖެއަށް އަންނަ ފްލައިޓުތައް އައީ އިތުރުވަމުންނެވެ. އަދި ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކާއި ދަތުރުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އެންމެ ބާރުބޮޑުވާނީ އިއްޔެއާއި މިއަދު ކަމަށް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ. އެގޮތުން މި ދެދުވަހު ރެކޯޑު އަދަދަކަކަށް ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެމްއޭސީއެލުން ވަނީ އެ ކުންފުނީގެ މުވައްޒަފުން ތިބީ އެއާޕޯޓުގެ އޮޕަރޭޝަންގެ މަސައްކަތްތައް ވީހާ ވެސް އޮމާންކަމާއެކު ކުރިއަށްގެންދިޔުމަށް ތައްޔާރަށް އޮތް ބުނެފަ އެވެ.