މިމަހުގެ މިހާތަނަށް 77،262 ޓޫރިސްޓުން އަތުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މިހާރު ދުވާލަކު އެވްރެޖްކޮށް 2,972 ޓޫރިސްޓުން ޒިޔާރަތްކުރެ އެވެ. އަދި އެވްރެޖްކޮށް ނުވަ ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އައީ 35,759 ޓޫރިސްޓުންނެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން އެކަނި 28,754 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެ ގައުމުން އެކަނި 25,723 ޓޫރިސްޓުން އައިސްފައިވެ އެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން ވެސް 17,971 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު 501 ޓޫރިސްޓު ފެސިލިޓީއެއްގެ 40,363 އެނދު އޮޕަރޭޓްކުރެ އެވެ. މީގެ ތެރޭގައި 139 ރިސޯޓެއްގެ 32,380 އެނދާއި 222 ގެސްޓް ހައުސެއްގެ 4,276 އެނދު ވެސް ހިމެނެ އެވެ.