ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޯބައިލް ބޭންކިން އެޕްލިކޭޝަނުގައި ހިމެނޭ ކިއުއާރު ކޯޑް ފީޗާ ބޭނުންކޮށްގެން ވަގު މުއާމަލާތް ހިންގާ މިންވަރު އިތުރުމުން، ފަހަރަކު 750ރ. އަށް ލިމިޓްކޮށްފި އެވެ.

ބީއެމްއެލް އިން މިއަދު ބުނީ، ބޭންކުގެ މޮބައިލް ވޮލެޓު މެދުވެރިކޮށް ކިޔުއާރު ކޯޑު ބޭނުންކޮށްގެން ކުރެވޭ މުއާމަލާތްތަކަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކިޔުއާރު ކޯޑު ބޭނުންކޮށްގެން އެއް ފަހަރާ އެންމެ ގިނަވެގެން ކުރެވޭނީ 750ރ.ގެ މުއާމަލާތެވެ. އަދި ދުވާލެއްގެ މައްޗަށް ކޮންމެ ކަސްޓަމަރަކަށް ވެސް އެ ފީޗާ މެދުވެރިކޮށް ކުރެވެނީ 10 މުއާމަލާތް ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.

އެ ބޭންކުން ބުނީ އެ ލިމިޓަށް ވުރެ އިތުރަށް ބޭނުންވާ ކަސްޓަމަރުންނަށް ކާޑު ބޭނުންކޮށްގެން މުއާމަލާތް ކުރެވޭނެ ކަމަށެވެ.

ބީއެމްއެލް އިން އިއްޔެ ބުނީ ބައެއް ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު އާންމުވެފައިވާ ކަމަށާއި އެކަން ހިނގާފައިވަނީ ބައިނަލްއަގުވާމީ މާޗަންޓުންގެ ފަރާތުން ކަމަށެވެ. އަދި މައުލޫމާތު ލީކުވެފައިވާ ކާޑުތައް ބްލޮކުކޮށް، އެއްވެސް އަގެއް ނުނަގައި އާ ކާޑު ހައްދައިދޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އެ ބޭންކުން ބުނީ، ކަސްޓަމަރުންގެ މައުލޫމާތު ބީއެމްއެލް މެދުވެރިވެގެން އާންމު ވެފައި ނުވާނެ ކަމަށާއި ނަމަވެސް ބައެއް ފަހަރު ބައިނަލްއަގުވާމީ މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތުތައް ލީކުވެފައި ހުންނަ ކަމަށެވެ.