ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ކަމަށް ބުނާ ބިޔަ "ފްލޯޓިން ސިޓީ"ގެ ނަމުނާ ގެތަކުގެ ތެރެއިން ފުރަތަމަ ގެ ބާޖެއްގައި ބަހައްޓައިގެން ދައްކާލަން ހުޅުމާލޭގެ ފަޅުތެރެއަށް ވައްދައިފި އެވެ.

މި މަޝްރޫއު ހިންގާ ކުންފުނީގެ ދިވެހި ކޮންސަލްޓެންޓް އިބްރާހީމް ރިޔާޒް ޕީއެސްއެމްއަށް ވިދާޅުވެފައި ވަނީ ނަމޫނާ "ގެ" އަންނަ ހަފްތާގައި އާންމުންނަށް ދައްކާލުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ފްލޯޓިން ސިޓީ ހެދުމުގެ މަސައްކަތް ކުރަނީ ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑު ކުންފުނިންނެވެ. ފްލޯޓިން ސިޓީގެ ފުރަތަމަ ގެތައް ހަދާފައި ވަނީ ބައިސަން މޯލްޑިވްސްއިންނެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އެ ގެތައް އާންމުންނަށް ދައްކާލަން އެކި ތާރީހުތައް މީގެ ކުރިން ވެސް ދީފައިވެ އެވެ. ނަމަވެސް ވިއްސާރަ ގުޅުވައި އެކި ބަހަނާތައް ދެއްކުމަށްފަހު މިހާތަނަށް އެ ގެތަކެއް ދެއްކޭ ގޮތެއް ނުވި އެވެ.

ފްލޯޓިން ސިޓީގެ ނަމުގައި ހިންގާ މަޝްރޫއުގެ ގެ ހަދާފައި ވަނީ ބާޖެއްގެ މަތީގަ އެވެ. އަދި ބާޖު ބާއްވާފައި އޮތީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅުތެރޭގަ އެވެ.

ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ކަމަށް ބުނާ ފްލޯޓިން ސިޓީގެ ގެއެއް ބާޖެއްގެ މަތީގައި އަތުރައިގެން ގެންދަނީ. ފޮޓޯ: ބައިސަން

ރިޔާޒް ޕީއެސްއެމަށް ވިދާޅުވެފައި މިހާރު ކުރިއަށްދަނީ ބާޖު މަތީގައި ހެދި "ގެ" ތެރޭގައި ފަރުނީޗަރު ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތްތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ކަމަށް ބުނާ ބިޔަ މަޝްރޫއުގެ ދަށުން ލަގްޒަރީ ފެންވަރުގެ 5000 ހައުސިން ޔުނިޓު ތަރައްގީކުރާނެ ކަމަށް ބުނެ އިއުލާންކުރި އެވެ. އަދި އެ "ސިޓީ" ތަރައްގީ ކުރަނީ 20،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކަމަށް ވެސް ބުނެފައިވެ އެވެ.

މި މަޝްރޫއު ހިންގަން މާލެ އަތޮޅުގައި އޮތް އެންމެ ބޮޑު ފަސް ފަޅެއް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނަގައި ހިލޭ ދީފައިވެ އެވެ. މީގެ ތެރެއިން ހަތަރު ފަޅެއް އެތައް މިލިއަން ޑޮލަރަށް ވަނީ ވިއްކާލައިފަ އެވެ.