Advertisement

ކުދި ވިޔަފާރިތަކަށް އެހީވާން އެޗްޑީސީން ހާއްސަ މުބާރާތެއް ފަށައިފި

FacebookTwitterWhatsAppTelegramViber

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުޅުމާލޭގައި އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގެ މަގްސަދުގައި "އީޖާދީ މަންސަ"ގެ ނަމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން މުބާރާތެއް އެޗްޑީސީން އިއްޔެ ފަށައިފި އެވެ.

އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި އިއްޔެ މެންދުރުފަހު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މި މުބާރާތް އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.

"އިޖާދީ މަންސަ"ގެ ނަމުގައި އިފްތިތާހް ކުރެވުނު މުބާރާތުގެ ތެރެއިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަލަށް ފަށާފައިވާ ވިޔަފާރިތަކަށް ހާއްސަކޮށްގެން އަމިއްލަ އުފެއްދުންތަކާއި އާ ހިދްމަތްތަކުގެ އީޖާދީ ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި މުބާރާތުގެ ސަބަބުން މުޖްތަމައުގެ ގިނަ އަފްރާދުންގެ ބައިވެރިވުމާއި ދައުރު ފުޅާކޮށް، މާލީ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

"އަދި ހަމައެއާއެކު، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން، ދިވެހިރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރު ކުޑަކޮށް، އާއްމު އިގްތިސާދީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަކީ މިފަދަ މުބާރާތެއް ހިންގުމުގެ މައިގަނޑު އެއް މަގްސަދު ކަމުގައި އެޗްޑީސީ އިން ދެކެމެވެ،" ބަޔާނެއްގައިވެ އެވެ.

ގޭގައިކުރާ (ހޯމް-ބޭސްޑް) ވިޔަފާރިތަކަށް އަދި އޮންލައިން ވިޔަފާރިތަކަށާއި، އަދި މުޅިން އަލަށް ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށްވެސް "އީޖާދީ މަންސަ" ގެ ނަމުގައި ހިންގޭ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުމަށްވަނީ ހަމަޖެހިފަ އެވެ. މިގޮތުން، މުޖުތަމައަށް ފައިދާ ކުރުވަނިވި، އީޖާދީ ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ވަނީ 5 ކެޓަގަރީއަކުން ހުޅުވާލެވިފަ އެވެ. އެއީ:

  1. ކާބޯތަކެތި
  2. ފަންނު
  3. ދުޅަހެޔޮ
  4. ވައްޓަފާޅި
  5. ހިދުމަތް

ކޮންމެ ކެޓަގަރީއަކުންވެސް 1 ވަނަ އަދި 2 ވަނަ ހޮވިގެންދާނެ އެވެ.

މިގޮތުން، މި މުބާރާތުގެ ބައިވެރިންގެ ތެރެއިން، ކޮންމެ ކެޓަގަރީއަކުން 1 ވަނަ އަދި 2 ވަނަ ހޮވޭ ޖުމްލަ 10 ފަރާތަކަށް ހުށަހަޅާ އިނާމެއްގެ ގޮތުގައި އެއްވެސް ކުއްޔަކާ ނުލައި، އެޗްޑީސީން ކަނޑައަޅައި ވަކި މުއްދަތަކަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "ހިޔާ" މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ ފުލެޓުތަކުގެ ތިރީ ބުރިން 550 އަކަފޫޓު ހިމެނޭ ވިޔަފާރި ޔުނިޓްތަކެއް ހަވާލުކުރެވިގެންދާނެ އެވެ.

މީގެ ތެރޭގައި، މުބާރާތުގައި ހިމެނޭ ކޮންމެ ކެޓަގަރީއަކުން 1 ވަނައަށް ހޮވޭ ފަރާތްތަކާ ހަވާލުކުރެވޭ ޔުނިޓްތަކަކީ، އެއްވެސް ކުއްޔަކާ ނުލައި 1 އަހަރުދުވަހުގެ މުއްދަތަށް ހަވާލު ކުރެވޭ ޔުނިޓުތަކެކެވެ. އަދި 2 ވަނަ އަށް ހޮވޭ ފަރާތްތަކަށް ހަވާލުކުރެވޭ ޔުނިޓުތަކަކީ، އެއްވެސް ކުއްޔަކާ ނުލައި 6 މަސްދުވަހުގެ މުއްދަތަށް ހަވާލު ކުރެވޭ ޔުނިޓުތަކެކެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top