ތިން ރަށާއި އެއް ބިމުގައި ރިޒޯޓެއް ތަރައްގީކޮށް ހިންގަން ޓޫރިޒަމް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ރިސޯޓު ހަދަން ހުޅުވާލީ ހއ. އަލިދުއްފަރު ފިނޮޅު، ހދ. ވައިކަރަމުރައިދޫ (15 ހެކްޓަރުގެ ބިން)، ށ. ކުޑަޅައިމެންދޫ އަދި ނ. ކުންނަމެލައި އެވެ. މީގެ ތެރެއިން ވައިކަރަމުރައިދޫ އަކީ އެލިއާ އަލީ އަބްދުﷲ ދަނޑުވެރިކަން ކުރަން ދިގުމުއްދަތަކަށް ދޫކޮށްފައިވާ ރަށެކެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނުގައި ވަނީ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ 1:00 ގައި ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، މާޗް 7 ވަނަ ދުވަހު 10:00 އަށް އެ މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި އިއުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި ބީލަން ފޮތް 31 ޑިސެމްބަރު ވަނަ ދުވަހުން ފެށިގެން މާޗު 4 ވަނަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 1:00 އާ ދެމެދު މިނިސްޓްރީ އޮފް ޓޫރިޒަމް (ވޭލާނާގެ، 5 ވަނަ ފަންގިފިލާ) ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.