Advertisement

ބަޖެޓް: ދަރަނިބޯ ބަޖެޓެއްތޯ، ރަނުން ރަނަށް އޮތް ބަޖެޓެއްތޯ ކުރެވޭ ބަހުސް!

FacebookTwitterWhatsAppTelegramViber

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ވެސް މަޖިލީހަށް ހުށައެޅުނު އެންމެ ތަފާތު ބަޖެޓަށްވާނެ އެވެ. ބަޖެޓް ތަފާތުވާ ގޮތް ވެސް ހަމަ ތަފާތުވީމަ އެވެ. އެ ބަޖެޓަކީ މިހާތަނަށް ހުށައެޅުނު އެންމެ ދަރަނި ބޮޑު ބަޖެޓަށްވުމާއި، އެންމެ ޑެފިސިޓް ބޮޑު ބަޖެޓަށްވުމާއި، އާމްދަނީ ލިބޭނެ ގޮތްތައް މަދުވުމާއި އެންމެގިނަ ލޯނު ނަގަން އޮތް ބަޖެޓަށްވުމާ ވެސް އެކު އެވެ. ބަޖެޓް ބަހުސްގައި މަޖްލީހުގެ މެމްބަރުން ދެއްކެވީ ވަރަށް ޝައުގުވެރި ވާހަކަތަކެވެ.

ބަޖެޓާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއިން ރޭ ގެނެސްދިން ބަހުސް ޕްރޮގްރާމެއް ބަލަން އިނީމެވެ. ވަރަށް ޝައުގުވެރިއެވެ. އެއް ބޭފުޅަކަށް އިންނެވީ ކުރީގެ އިކޮނިމިކް މިނިސްޓަރު އަދި މިހާރު ވާމަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދެވެ. ދެން އިންނެވީ އިގްތިސާދީ ގޮތުންވެސް އެކި އެކި ޚިޔާލު އަބަދުވެސް ދެއްވަމުން ގެންދަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފެވެ.

މި ބަޖެޓު އޯކޭތަ؟

ޝަރީފް ވިދާޅުވަނީ މިއީ ހަމަ ވަރަށް އޯކޭ ބަޖެޓެއް ކަމަށެވެ. މިއީ ރަނގަޅު ބަޖެޓެއް ކަމަށެވެ. ޑެފިސިޓްވަރަށް ބޮޑެވެ. ނަމަވެސް ރާއްޖެއާއި މުޅި ދުނިޔެވެސް މިއޮތް ޙާލަތަށް ބަލާއިރު ދައުލަތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެ އަސާސީ ޚިދްމަތްތައް ދިނުމަށް އިސްކަންދީ، ރައްޔިތުން ބަނޑަށް ނުޖައްސާ މަގޫފަތްކާން ނުޖެހޭ ވަރަށް ޚިދްމަތްތައް ޙާސިލް ކުރުމަށް ބަޖެޓްގައި އަމާޒު ހިފާފައިވާ ބަޖެޓެއްކަމަށެވެ. މިއަހަރު 31 ބިލިއަން ރުފިޔާގެ ބަޖެޓެއް ތަންފީޒު ކުރިފަދައިން އަންނަ އަހަރަށް ލަފާކުރާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓް ތަންފީޒު ސަރުކާރަށް ތަންފީޒު ނުކުރެވޭނެ ކަމަށް ޝަރީފް ދެކެވަޑައެއް ނުގަންނަވަ އެވެ.

ނަމަވެސް މާވަށު ދާއިރާގެ މެމްބަރު ސައީދުގެ ޚިޔާލު ތަފާތެވެ. ސަޢީދު ވިދާޅުވަނީ ބަޖެޓް އޯކޭއެއް ނޫން ކަމަށެވެ. މިބަޖެޓް އޯކޭ ނޫން ކަމަށް ޚުދު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވިދާޅުވެފައިވާ ކަމަށެވެ. އެމަނިކުފާނު ވެސް މިބަޖެޓު ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ކަމުން މިބަޖެޓަކީ ކޮން ޕާޓީއެއްގެ ބަޖެޓެއްތޯ ސުވާލު އުފެއްދެވި އެވެ. އަދި ސަރުކާރު ޕާޓީއަށް ނިސްބަތްވާ އިސްބޭފުޅުން ވެސް މިބަޖެޓް ބަލައި ނުގަންނަ ކަމަށް ވިދާޅުވި އެވެ. އެމްއެމްއޭއާއި އައިއެމްފްއިން ބަޖެޓާ ގުޅޭގޮތުން އެބޭފުޅުން ކަންބޮޑުވާ ކަމަށާއި ރެކޮމެންޑޭޝާންތަކެއް ހުށައަޅާފައިވާ ކަމަށެވެ. ޑޮލަރުގެ އަގު އުފުލުމުގެ ބޮރު އޮތް ކަމަށާއި މާލީ ނިޒާމު ޑިފޯލްޓް ވުމުގެ ބިރު މިބަޖެޓް ފާސްކޮށްފިނަމަ އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯނާއި ދަރަނީގެ ބޮޑު ބަހުސް

ޝަރީފް ވިދާޅުވަނީ މިހާރު މިއޮތް ގޮތަށް ބަޖެޓް ފާސްކުރުން ނޫން ގޮތެއް ނެތް ކަމަށެވެ. ކޮވިޑް ގެ މިޙާލަތުގައި ވެސް މި ސަރުކާރުގެ ދަރަނި މިއޮތީ އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ދަރަނި އޮތް ވަރަށް ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަން ނިމުނު އިރު ދަރަނި 17 ބިލިއަނަށް އަރާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗައިނާއިން ނަގާ ދަރަނި ނުދައްކާނަމޭ ބުނާ ބުނުމަކީ ޒިއްމާދާރުކަން ކުޑަކަމެއް ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާ ދަރަންޏަކީ ޕްރޮޑަކްޓިވް އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް ކޮށްފައިވާ ފިއުޗާ އިންވެސްޓްމެންޓެއް ކަމަށެވެ. އެއީ އެއާޕޯޓަ ފަދަ ތަންތަނާއި ބޮޑެތި އިމާރާތްތައް ބިނާ ކުރުމަށެވެ. އެހެންކަމުން އެ ލޯނު ނުދެއްކިގެން ހާސްވެގެން އުޅޭކަށް ނުޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ދެންހުރީ ސަރުކާރުގެ ކުންފުނިތަކުން ނަގާފައިވާ ދަރަނިތައް އޭގެ ތެރޭގައި ފްލެޓްތަކުގެ ދަރަނި ވެސް ހިމެނޭ. އެއީ ސަރުކާރުން ހިންގާ އެއީ ވިޔަފާރި ކުންފުނިތަކުން ވިޔަފާރި އުސޫލުން ދޫކޮށްގެން އިގްތިސާދުގެ ދުވެލި އެލާރި އަނބުރާ ހޯދޭނެ ދަރަނިތައް. ލާރި ނަގަނީ ދިވެހި ސަރުކާރުން. ޗައިނާގެ ލާރިވެސް ނުދައްކާ ކަމަށްވަންޏާ ޤައުމު ޑިފޯލްޓް ވާނެ. އެއީ ވަރަށް ބިރުވެރި ކަމެއް." އަޑަށް ބާރުލާފާ ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅު ވަނީ ދަރަނި ނުނަގާ ސަރުކާރުގެ ވަޒީފާތަކަށް މުސާރަ ނުދެވުނީމާ ސަރުކާރުގެ އޮފީސްތައް ބަންދު ކުރީމާ ދިވެހި ރައްޔިތުންގެ ތެރެއިން 60،000 މީހުން ބަނޑަށް ޖެހޭނެ ކަމަށެވެ. ގައުމުގެ އިގްތިސާދީ މެޝިން އެއްކޮށް ހުއްޓޭނެ ކަމަށެވެ.

"އެއީތޯ އަޅުގަނޑުމެން ބޭނުން ވެގެން މިއުޅޭ ގޮތަކީ؟" އޭނާ އެއްސެވި އެވެ.

ސައީދު ވިދާޅުވީ ވަރަށް ބޮޑު ދަރަނި ސްޓޮކެއް ފުނިޖެހެމުންދާ ކަމަށެވެ.

"106 ބިލިއަނަށް ދަރަނި 2023 އާ ހަމައަށް ސްޓޮކްވާނެ ކަމަށް އެއެމްއޭއިން އަންދާޒާ ކުރޭ. މިއަހަރު އެކަނި 15.5 ބިލިއަން ރުފިޔާގެ ދަރަނި 33 ބިލިއަން ޚަރަދުގެ ހުރިއިރުގައި 62 ޕަސެންޓާކީ ރިކަރަންޓް ޚަރަދު މިކަހަލަ ނާޒުކު ދަނޑިވަޅެއްގައި ކުޑަކުރެވޭނެ ޚަރަދު އެބަހުރި ބޮޑުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

"2021 ނިމޭއިރު 82.8 ބިލިއަނަށް ދަރަނި އުފުލިގެން ދެއޭ އެބަ. 2015 އިން 2018 ތި ވިދާޅުވާ ބްރިޖާ އެއަރޕޯޓާ ރަންވޭއާ ރާއްޖޭގެ އާމްދަނީ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އިންވެސްޓް ކުރި ޢަދަދުގެ ދަރަންޏަކީ 40 ބިލިއަނޭ. އެހެންކަމަށްވާނަމަ 82.8 ބިލިއަނާ 42 ބިލިއަނެއްގެ ވާހަކަ މިދެއްކެނީ 3 އަހަރު ދުވަހު އެމްޑީޕީ ސަރުކާރުން މިއަދު 42 ބިލިއަންގެ ދަރަނި ތި އުފެއްދީ. އަޅުގަނޑުމެންގެ ސަރުކާރުގެ ފަސް އަހަރާ ނުބައްދަލު،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2019 އިން 2021 އަށް 42 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާ އިރުގައި ޕީއެސްއައިޕީ ފިޔަވާ އިންފްރާސްޓްރަކްޗާގެ ބޮޑު ޕްރޮޖެކްޓެއް އަދި އަތްލެވޭ ތަރައްގީއެއް ފެންނަން ނެތް ކަމަށެވެ. އަދި އޭގެ ބަދަލުގައި ލޯނު ނަގަނީ ރިކަރަންޓް ޚަރަދަށް ކަމަށް ވިދާޅުވެ ޝަރީފްގެ ވާހަކަތަކަށް ރައްދު ދެއްވި އެވެ.

"ހއން ފެށިގެން އައްޑުއާ ހަމައަށް 19 އަތޮޅަށް ކުރާހޭދަ އަށްވުރެ އަދި ނެތް ރަށަކަށް އަޅަން އުޅޭ ބްރިޖްގެ ޢަދަދު ބޮޑު. އޭގެ އިކުއިޓީގެ ގޮތުގައި 469 މިލިއަން ރުފިޔާ ހޯދަން މިއަހަރުގެ ބަޖެޓްގައި އެބައިނޭ އިނގޭތޯ ޖަހާފައި. އަޅުގަނޑު މިދަންނަވަނީ މާލީ އިދާރާތަކުން އެވިދާޅުވަނީއޭ މިއަހަރު ތިހާ ބައިވަރު ފައިސާ ރައްޔިތުންގެ ތިޖޫރީން ނުނަގާށޭ. މިއީ ނޫނޭ އެއަހަރަކީ. ބްރިޖަށް ނަގާ ލޯނާއެކު ދަރަނި 90 ބިލިއަނަށް އުފުލޭނެ. ދަރަނި ހަދާފައި މިއޮތީ އަދި އެ ނުލާ،" ސައީދު ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ޝާރީފް ވިދާޅުވީ އިންޑިއާ ސަރުކާރުން ލޯނު ނަގައިގެން އަޅާ ބްރިޖަކުން މި ބަޖެޓަށް އަސަރު ނުކުރާނެ ކަމަށެވެ. އަދި ސައީދު އެ ދައްކަވަނީ އިދިކޮޅުގައި ތިބޭ އިރު ވާހަކަ ދައްވާނެ ގޮތަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ބޭނުންވަނީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާއި ރައްޔިތުން ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތް ސަލާމަތް ކުރުން ކަމަށެވެ. 180 ބިލިއަނަށް ދަރަނި އެރިޔަސް ރައްޔިތުން ބަނޑަކަށް ނުބެއިތިއްބޭނެ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"60 ރަށުގެ ނަރުދަމާއާއި ފެނާ ޤާއިމްކުރުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުން 720 މިލިއަން ރުފިޔާ ބަޖެޓްގައި ޖެހީމާ އެބޮޑުކަމަށް ބުނެ އެމްޑީޕީން ރިޖެކްޓްކުރީ 2018ގައި ވެރިކަމާ ޙަވާލުވެފައި. މިއަދު 1.3 ބިލިއަން ތި ފާސްކޮށްލީ ހަމަ އެއްކަލަ 60 ރަށަށް ދޭއްޗަކީ ވެސް ކޮންޓްރެކްޓަ ފައިނޭންސް. ޑަބަލް އަގުގައި. ދެން ތިވިދާޅުވަނީ ރައްޔިތުން މަގޫފަތްކާން ނުބޭތިއްބޭނެއޭ؟" ސައީދު ރައްދު ދެއްވި އެވެ.

ބަޖެޓް ފޫބެއްދުމުގެ ޕްލޭން

ސައީދު ވިދާޅުވީ ދަރަނި ފޫބެއްދުމަށް ވެސް މިހިރީ ބޮޑެތި ލޯނު ނެގުމަށް ކަމަށެވެ. ސުކޫކު ކިޔަސް ބޮންޑް ކިޔަސް ޓީބިލް ކިޔަސް މިއީ ހުސް ލޯނު ކަމަށެވެ.

"ފަތުރުވެރިން އައިސްގެން ޓެކުހާ ހުރިހާ އެއްޗަކުން .9.8 ބިލިއަން ރުފިޔާ ހޯދާނެ ވާހަކަ މިއޮތީ. ޓެކްސް ނޫން ފައިސާގެ ގޮތުގައި 5.8 ބިލިއަން ރުފިޔާ ހޯދާނެ ވާހަކަ. އެމްއެމްއޭއިން ވަރަށް ސާފުކޮށް އެބުނަނީ 5.8 ބިލިއަން ނުޖަހާށޭ. މިއަހަރުވެސް ރިސޯޓްތަކުގެ ކުލި މަޢާފްކޮށްފިއޭ އަންނަ އަހަރުވެސް ކުރަން ޖެހިދާނެއޭ،" އޭނާ ވިދާޅުވި އެވެ.

ބަޖެޓްގައި 2.2 ބިލިއަން ސަލާންޖަހައިގެން ހޯދަން އޮތްއިރު ދުނިޔެ މިއޮތް ޙާލަތުގައި އެފައިސާ ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް ސައީދު ވިދާޅުވި އެވެ.

ރައްދުގައި ޝަރީފް ވިދާޅުވަނީ ބަޖެޓް ފޫބެއްދޭނީ ދަރަނި ނަގައިގެން ސުކޫކު ވިއްކައިގެން ހުރިހާ ކަމެއްވެސް ކޮށްގެން ކަމަށެވެ. އެކަން ހަމަ ކުރަންވީ ކަމަށެވެ.

"ލޯނު ނަގައިގެން ނޫން ގޮތަކަށް މިޤައުމު މިޙާލަތުން އަރައެއް ނުގަނެވޭނެ. މިއީ ރިއަލިސްޓިކް ބަޖެޓެއް. އިގްތިސާދު ވެއްޓިފައިވާ އަނދަވަޅުން ނަގައިދޭނެ ބަޖެޓެއްމީ،" ބްރިޖް ފަދަ މަޝްރޫއުތަކަކީ މިއަދު ހުއްޓާލައިފިއްޔާ ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ކޮންމެއަކަސް ސަރުކާރުން ބުނަނީ މިއީ އުއްމީދީ ބަޖެޓެއް ކަމަށެވެ. ސަރުކާރުގެ މެނިފެސްޓޯ ރަނުން ރަނަށް ތަންފީޒުކުރުމަށް މިޙާލަތުގައި މިއަށްވުރެ ރަނގަޅު ބަޖެޓެއް ނެތް ކަމަށެވެ. ކޮވިޑްގެ ޙާލަތުގައި މާލީ އިދާރާތަކުގެ މިންގަނޑުތަކަށް ނުފެއްތޭނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެދިވަޑައިގަންނަވަނީ މިބަޖެޓް އޮތް ގޮތަށް ފާސްކޮށްދިނުމަށެވެ.

ނަމަވެސް އިދިކޮޅުން ބުނަނީ މިއީ އެއްގޮތަކަށް ވެސް އުއްމީދީ ބަޖެޓެއް ނޫންކަމަށާއި މި ބަޖެޓުން އިގްތިސާދަށް ލޮޅުން އަންނާނެ ކަމަށެވެ. އަދި ރާއްޖެ އިތުރަށް ދަރަނިވެރިވެ ބަނގުރޫޓް ވެދާނެ ކަމަށެވެ. ކިތަންމެ ޚިޔާލު ތަފާތުވުން ބޮޑުވިޔަސް އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މި ބަޖެޓް ފާސްކުރާނެ ކަން ޔަގީނެވެ. ބައެއް ކަހަލަ އިސްލާހުތައް ވެސް އަތުވެދާނެ އެވެ. ޔަގީންވާ ކަމަކީ މިބަޖެޓް ރަނުން ރަނަށް ތަންފީޒު ކުރުމަށް ސަރުކާރަށް ނުކުޅެދިއްޖެނަމަ އޭގެ ހުރިހާ ގެއްލުމެއް އާޚިރުގައި ލިބޭނީ ނިކަމެތި ރައްޔިތުންނަށް ކަމެވެ. އޭރުން ވާނީ ދަރަނިބޯ ބަޖެޓަކަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top