މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ލެބޯޓަރީން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ ގޮތުން، އާ ހިދުމަތެއްގެ ގޮތުގައި ލެބް އިކުއިޕްމެންޓް ކެލިބްރޭޝަންގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

މި ހިދުމަތް ތައާރަފްކުރީ މިކަމަށްޓަކައި މިއަދު އެމްޑަބްލިޔުއެސްސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ބޯޑް ޑިރެކްޓަރުންގެ އިތުރުން އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓް އާއި މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހު ވިދާޅުވީ އަލަށް ތައާރަފު ކުރި ލެބޯޓަރީ އިކުއިޕްމަންޓް ކެލިބަރޭޓިންގެ ހިދުމަތަކީ ރާއްޖެގެ އެކި ކަންކޮޅުތަކުގައި ޔުޓިލިޓީ ހިދުމަތްތައް ދެމުން އަންނަ ކުންފުނިތަކުން، ފޯރުކޮށްދޭ ފެނާއި ނަރުދަމާ ޚިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ހިދުމަތެއް ކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ލެބް އިކުއިޕްމަންޓްތަކުގައި ކޮންމެހެން ހުރުން ލާޒިމްކުރާ މިންގަނޑުތަކާއި އެއްގޮތަށް އިކުއިޕްމަންޓްތައް ދަމަހައްޓައި، މި އިކުއިޕްމަންޓްތައް މެދުވެރިކޮށް ހަދާ ޓެސްޓްތަކުން ލިބޭ ނަތީޖާއާ މެދުގައި އޮންނަ ޔަގީންކަން އިތުރުވެގެންދާނެ ކަމަށް ވެސް ޝާހު ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި އަލަށް ތައާރަފު ކުރި މި ހިދުމަތް، އެމްޑަބްލިޔުއެސްސީ އިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ސައްތައިން ސައްތަ ދިވެހި މުއައްޒަފުން މެދުވެރިކޮށެވެ.

މި ހިދުމަތް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން، މި ހިދުމަތް ފޯރުކޮށްދޭ އިކުއިޕްމެންޓްތަކާއި ޕެރެމީޓާސްތަކުގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ގޮތަށް ޕެކޭޖް ތައްޔާރުކުރެވޭނެ އެވެ. އަދި އެމްޑަބްލިޔުއެސްސީއަށް އިކުއިޕްމެންޓް ގެނައުމުން ނުވަތަ ކަސްޓަމަރު އެދިލެއްވުމުން އިކުއިޕްމެންޓް ހުރި ތަނަށް އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ގޮސްގެން ވެސް މި ހިދުމަތް ލިބޭނެގޮތްވުމަކީ ކަސްޓަމަރުންނަށް ލިބޭ ބޮޑު ލުއިފަސޭހައެކެވެ.

ލެބް އިކުއިޕްމަންޓް ކެލިބަރޭޝަން ޚިދުމަތަށް އެދިލެއްވުމަށް، އެމްޑަބްލިއުއެސްސީގެ ޝޯރޫމަށް ޒިޔާރަތްކުރައްވައިގެން ނުވަތަ އެމްޑަބްލިޔުއެސްސީގެ ޝޯރޫމްގެ ހޮޓަލްއިން 7960022 އަށް ގުޅުއްވައިގެން ކުރިޔަށްގެންދެވޭނެ އެވެ. ނުވަތަ ބޭނުންވާ މައުލޫމާތު [email protected] އަށް ހިއްސާކޮށްގެން ކުރިޔަށްގެންދެވޭނެ އެވެ.

އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަށް އިތުރަށް ހަރުދަނާކޮށް ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތަށް ފަސޭހަކަމާއެކު ފޯރުކޮށްދީ ކުރިއެރުވުމެވެ.