ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް، ތަކުގައި އުޅޭ ބިދޭސީންނަށް ބޮޑު މުސާރަ ހުށަހަޅާ މައްސަލަ ބޮޑުވެއްޖެ އެވެ.

ރެސްޓޯރަންޓް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިހާރަކަށް އައިސް ރެސްޓޯރެންޓް، ހޮޓާ، ކެފޭ ފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީން ތަނުން އެހެން ތަނަކަށް ބަދަލުކުރުމަށްޓަކައި ބޮޑު މުސާރައެއް ހުށަހަޅައި އެ މީހުން އެ ފަދަ ވަޒީފާތަކަށް ގެންދާކަން ވަރަށްބޮޑަށް ފާހަގަ ކުރެވޭ ކަމަށެވެ.

"މިގޮތަށް ވަޒީފާ ބަދަލުވުމަށް އެދި ބިދޭސީން އެދެމުން ދިއުމުން އެ މީހަކަށް ވަޒީފާ ދިނުމަށް އެއްބަސްވާ ރެސްޓޯރެންޓް، ހޮޓާ ނުވަތަ ކެފޭއަކުން އެ މީހަކާ ބެހޭ މަޢުލޫމާތު ސާފުކުރުމަށް ނުގުޅާކަން ވެސް ފާހަގަ ކުރެވެ އެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ އެސޯސިއޭޝަނުން ބުނީ އޭގެ އިތުރުން ގިނަ އަހަރުތަކެއް ވަންދެން ވަޒީފާގައި ދެމިތިބި އަދި މަސައްކަތުގެ ތަޖުރިބާ ހުރި ބިދޭސީން، އަލަށް ހުޅުވާލެވޭ ވިޔަފާރިތަކަށް ގެންދާއިރު އެކަށީގެންވާ ބޮޑު މުސާރައެއް ހުށަހަޅުއްވަމުން ގެންދިއުމަކީ މި ސިނާއަތުގެ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އެ އެސޯސިއޭޝަނުން ދެކޭ ކަމަށެވެ.

"ވީމާ، މިކަން މިގޮތަށް ނުކުރެއްވުމަކީ މި އެސޯސިއޭޝަންގެ ވަރަށް ބޮޑު އިލްތިމާސްއެއް ކަމުގައި ދަންނަވަމެވެ." ރެސްޓޯރަންޓް އެސޯސިއޭޝަނުން ބުންޏެވެ.