ޖީއެސްޓީ ނަގަން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކުން ވެސް ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ޖެހޭ ގޮތަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގަވާއިދު އެކުލަވާލައިފި އެވެ.

ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި ދެ ރުފިޔާ ނަގަން ފަށާނީ އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުންނެވެ.

ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގާގޮތަށް، ކުނި މެނޭޖްކުރުމުގެ ބިލަށް ގެނައި އިސްލާހް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

އެ ގާނޫނުގައި ބުނެފައި ވަނީ ރާއްޖޭގައި ހިންގާ ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، ލެވީ ނެގުން، މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ފަށަން ލާޒިމްވާނެ ކަމަށެވެ. އެހެންކަމުން އަންނަ އޭޕްރީލް މަހުގެ 18ގެ ފަހުން ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި ދެ ރުފިޔާ ނަގަން ފަށާނެ އެވެ. އަދި އެ ގާނޫނުގައި ވަނީ ލެވީ ނަގާނެ އުސޫލްތައް ބަޔާންކުރާ ގަވާއިދެއް ހެދުން މީރާއަށް ލާޒިމްކޮށްފަ އެވެ.

ޕްލާސްޓީކް ކޮޓަޅުން ލެވީ ނަގާނެ އުސޫލުތައް ކަނޑައަޅައި، މީރާއިން އެކުލަވާލައިފައިވާ "ޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ގަވާއިދު"ގައި ވާގޮތުން ޖީއެސްޓީއަށް ރަޖިސްޓްރީކުރުން ލާޒިމްވާ ކޮންމެ ވިޔަފާރިއަކުން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ޖެހެ އެވެ. އަދި ޖީއެސްޓީ އިސްތިސްނާވާ މުދަލެއް ކަސްޓަމަރަކަށް ކޮތަޅަކަށް ލުމަށްފަހު ދޭނަމަ، އެ ކޮތަޅުން ވެސް 2 ރުފިޔާ ނަގަންޖެހޭ ކަމަށް މީރާއިން އެކުލަވާލި ގަވާއިދުގައިވެ އެވެ.

މީރާގެ ގަވާއިދުގައި ވަނީ ޕްލާސްޓިކް ކޮޓަޅުން ލެވީގެ ގޮތުގައި ނަގާ ފީ މީރާއަށް ދައްކަން ޖެހޭ ގޮތް ވެސް ކަނޑައަޅާފަ އެވެ. އެގޮތުން، ވިޔަފާރިތަކުން ޕްލާސްޓިކް ކޮޓަޅުގެ ލެވީގެ ގޮތުގައި ނަގާ ފައިސާ މީރާއަށް ދައްކަން ޖެހޭނީ ދިވެހި ރުފިޔާއިންނެވެ. އަދި ފީ ދައްކަން ޖެހޭ ތާރީޚުގައި ނުދައްކާ ނަމަ، ފީ ދައްކަން ޖެހޭ ދުވަހުން ފެށިގެން ނުދައްކާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް އަދަދުގެ %0.05 އިން ޖޫރިމަނާ ކުރާނެކަމަށް މީރާއިން ބުނެ އެވެ.

މީގެ އިތުރުން، ވިޔަފާރިތަކުން ޕްލާސްޓީކް ކޮތަޅުން ނަގާ ލެވީގެ މައުލޫމާތު މީރާއަށް ހިއްސާ ނުކުރާނަމަ، މައުލޫމާތު ނުދީ ހިނގާ ކޮންމެ ދުވަހަކަށް 50 ރުފިޔާ އަށް ވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރާނެކަމަށް މީރާއިން ބުނެ އެވެ.

އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ހަމަޖެހިފަވާއިރު، ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާ ނަގަން ނުޖެހޭ ހާލަތްތަކެއް ވެސް އެބަހުއްޓެވެ.

ލެވީނެގުން އިސްތިސްނާވާ ހާލަތްތައް:

  • ޑިއުޓީ ފްރީ ފިހާރަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
  • ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅު
  • ބަންދުނުކޮށް ހުންނަ ހަނޑޫ، ހަކަރު އަދި ފުށް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު

ޕްލާސްޓިކް ކޮތަޅުން ލެވީ ނަގަން ސަރުކާރުން ޤާނޫނުގައި ހިމެނީ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ވަނަ އަހަރާ ހަމަޔަށް ހުއްޓާލާ ގައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން އެކުލަވާލާފައިވާ އަމާޒަށް ވާސިލުވުމަށެވެ.

މި އަމާޒު ހާސިލްކުރުމަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.

މި ތަކެތި އެތެރެކުރުން މަނާކުރުން އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން ދެއްވާފައިވެ އެވެ. ފުރަތަމަ ލިސްޓު މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހު ވަނީ އާއްމުކުރައްވާފަ އެވެ. އެގޮތުން، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ހޮޅިއާއި ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮއްޓާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުޑަ ޕްލާސްޓިކް ކޮތަޅު ހިމެނެ އެވެ.