ދުނިޔޭގެ އެންމެ ބޮޑު އެއް އެކްސްޕޯ ގަލްފް ފުޑް އެކްސްޕޯގައި އެސްޓީއޯއިން ބައިވެރިވެ، އެ ކުންފުނިން ވިއްކާ ޗޮއިސް ބްރޭންޑް މުދަލާއި މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދައްކާލައިފި އެވެ.

ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ފެބްރުއަރީ މަހުގެ 20 ން 24 އަށް ކުރިޔަށްދާ މި އެކްސްޕޯގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ ސްޓޯލްގައި ޗޮއިސް ބްރޭންޑްގެ ކޮންޑެންސް މިލްކް، ޗޮއިސް ކަޕްނޫޑްލް، ޗޮއިސް ބާސްމަތީ ހަނޑޫ، ޗޮއިސް ސަންފްލާވާ އާއި ޗޮއިސް ވެޖެޓަބްލް އޮއިލްގެ އިތުރުން މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދައްކާލާފައިވެ އެވެ.

ގަލްފް ފުޑް އެކްސްޕޯގައި ހުންނަ އެސްޓީއޯގެ ސްޓޯލުން މީހަކަށް މައުލޫމާތު ދެނީ. ފޮޓޯ: އެސްޓީއޯ

އެކްސްޕޯގައި ބައިވެރިވުމުގެ މަގުސަދަކީ އެސްޓީއޯއާއި މިފްކޯއިން ވިއްކާ ބްރޭންޑްތަކަށް ބައިނަލްއަގްވާމީ ބާޒާރުގައި ފުރުސަތުތައް އިތުރުކުރުން ކަމަށް އެސްޓީއޯއިން ބުނެ އެވެ. މި އަހަރުގެ މި ފެއަގައި 125 ގައުމަކުން 5000 އަށްވުރެ ގިނަ ކުންފުނިން ބައިވެރިވެ އެވެ.

މިއީ މި ފެއާ ބާއްވާ 28 ވަނަ ފަހަރެވެ.