އަންނަ ރޯދަ މަހު ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޯޓުތަކަށް އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ތައްޔާރުވާން ފަށައިފި އެވެ.

އެމްޕީއެލްއިން ބުނީ މިއަހަރުގެ ރޯދަމަހު ވެސް މުދާ ކްލިއާކުރުމުގެ އޮޕަރޭޝަންތައް ހަލުއިކަމާއެކު ކުރިޔަށް ގެންދަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އޮޕަރޭޝަންތައް ހަލުއިކުރުމަށް އިތުރު 4 ރީޗް ސްޓެކާ ގެނެސްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި އުޅަނދުތަކުގެ ސަބަބުން 40 ފޫޓުގެ ކޮންޓެއިނާ ފުލް ލޯޑްގައި ލޭންޑިން ކްރާޕްޓްތަކަށް ލޯޑްކޮށްގެން މާލޭގެ ޕޯޓާއި ހަމައަށް ގެނެވޭނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

އެމްޕީއެލްއިން އަންނަނީ މާލެ ސަރަހައްދުގެ ވިޔަފާރި ބަނދަރަތަކުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން، މާލެއާއި ހުޅުމާލެ ވިޔަފާރި ބަނދަރު ސަރަހައްދުގައި މުދާ ކްލިއާކުރުމުގެ އޮޕަރޭޝަނަތައް ހިންގަން ވަގުތީ ޝެޑްތައް ގާއިމްކޮށްފައިވާ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

މިދިޔަ އަހަރުގެ ރޯދަމަހު ވެސް ރާއްޖެއަށް އެތެރެކުރި ކާބޯތަކެތީގެ އސދަދު ވަނީ ފާއިތުވި ތިން އަހަރުގެ ރޯދަމަހަށް ވުރެ އިތުރުވެފަ އެވެ. މީގެ ކުރީގެ ރޯދަ މަސްތަކުގައި ވެސް ބޯޓު ބަނދަރުކުރާ ވަގުތު، މުދާ ހުސްކުރުމަށް ލޮރީ ފަދަ ވެހިކަލް ތައްޔާރަށް ބޭއްވުމުގެ އިންތިޒާމްތައް އެމްޕީއެލްއިން ހަމަޖައްސާފައިވެ އެވެ.

އާންމު ގޮތެއްގައި ރާއްޖެ ގެންނަ މުދަލުގެ ބޮޑުބަޔަކީ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗަށް ވާތީ މިތަކެތި ހުސްކުރާނަމަ ހެނދުނު 9:00 ފެށިގެން ދަންވަރާއި ހަމައަށް ހުއްޓާނުލާ އެމްޕީއެލްއިން މަސައްކަތް ކުރަމުންދާނެ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

ރޯދަމަސް ނޫން މަސްތަކުގައި ވެސް އެމްޕީއެލްއިން ދޭ ހިދުމަތްތައް އަވަސްކުރުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއާ ކުރުމަށް ހޭދަވާ ވަގުތު ވަނީ އެތައް ގުނައެއް ކުޑަވެފަ އެވެ.