އިންޑިއާގެ ސްޕައިސްޖެޓުން ދޭން ފެށި ސީޕްލޭން ޙިދުމަތް އަލުން ފެށުމަށް މޯލްޑިވިއަންގެ ސީޕްލޭނެއް ޗާޓަރުކޮށްގެން މިއަދު ގެންގޮސްފި އެވެ.

މޯލްޑިވިއަންގެ އެހީތެރިކަމާއެކު އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ފުރަތަމަ ފެށީ މިދިޔަ އޮކްޓޯބަރުމަހުގެ 31 ގަ އެވެ. ސްޕައިސްޖެޓުން ޗާޓަރުކޮށްގެން ފެށި އެ ދަތުރުތަކުގައި ބޭނުންކުރީ މޯލްޑިވިއަންގެ 19 މީހުންގެ ޖާގައިގެ ޓުވިން އޮޓާ 300 މަރުކާގެ ބޯޓެކެވެ.

މޯލްޑިވިއަނުން މިއަދު ބުނީ ސްޕައިސްޖެޓުން މިފަހަރު މޯލްޑިވިއަންގެ ސީޕްލޭން ޗާޓަރުކޮށްގެން ގެންދިޔައީ 1 މަސްދުވަހަށް ކަމަށެވެ. މި ދަތުރުގައި މޯލްޑިވިއަންގެ ސީޕްލޭން ކްރޫގެ ހަ މެންބަރުން ވަނީ އިންޑިއާއަށް ދިޔަ އެވެ.

އެ ދަތުރުތައް ކުރީ ސުބަރަމަތީ ރިވަ ފްރޮންޓުން އަހުމަދު އާބާދުގެ ކެވާޑިއާ އާ ދެމެދު އެވެ. އެއީ އިންޑިއާ ސަރުކާުން އިސްނަގައިގެން ފުރަތަމަ ފަހަރަށް ފެއްޓި ސީޕްލޭން އޮޕަރޭޝަނެވެ. އެއްގަމު މަގުން ހަތަރު ދެވޭ މި ދަތުރަށް ސީޕްލޭންގައި ގަޑިއިރެއްހާއިރުން ދެވެ އެވެ.

ސްޕައިސްޖެޓްގެ ސީޕްލޭން ޙިދުމަތްދިނުމަށް އެންމެ ފުރަތަމަ މޯލްޑިވިއަނުން ޗާޓަރު ކޮށްގެން ގެންދިޔަ ސީޕްލޭންގެ ކުރޫއިން ރާއްޖެ އައީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.