ކުޑަގިރި ޕިކްނިކް އައިލެންޑަށް ދާން ދުރާލާ ބުކިން ހައްދަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

މިހާރު ބުކިން ނުހައްދައި ފެރީ ފުރާ ކޮންމެ ގަޑިއެއްގަ ވެސް ކުޑަގިރިއަށް ޕިކްނިކް ދެވޭނެ އެވެ.

ކުޑަގިރިއަށް ދިއުމަށް މިހާރު ދުރާލާ ބުކިން ނުހެއްދި ނަމަވެސް، ދަތުރު ގޮސް ބޭނުންކުރާ އަށި ފަދަ ތަންތަން ނަގަން، ކުޑަގިރި އެޕްލިކޭޝަނުން ބުކިން ހަދަން ޖެހޭނެ އެވެ. އަދި އެރަށުގައި ހަދާފައިވާ ރޫމްތައް ބޭނުންކުރުމަށް ވެސް ދުރާލާ ބުކިން ހައްދަން ޖެހެ އެވެ.

ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ރަށަށް ދަތުރުކުރުމާއި އަދި ރަށަށް އެރުމަށް ފީއެއް ނަގަ އެވެ. އެގޮތުން ދެކޮޅު ފެރީ ދަތުރާއި އެންޓްރެންސް ފީއަށް ބޮޑު މީހެއްގެ އަތުން 100 ރުފިޔާ ނަގަ އެވެ. އަދި ދެ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް 50 ރުފިޔާ ނަގަ އެވެ. 2 އަހަރުން ދަށުގެ ކުދިންނަކަށް ފީއެއް ނުނަގާނެ އެވެ.

އެޗްޑީސީން ކަނޑައަޅާފައިވާގޮތުން ކުޑަގިރިއަށް ދާ ފަރާތްތަކުގެ ތެރެއިން އަށި ނަގަން ބޭނުންވާ ފަރާތްތަކުން އަގެއް ދައްކަން ޖެހޭނެ އެވެ. ރަށުގައި 13 ކުޑައަށްޓާއި، 4 ބޮޑު އަށި ހުރެ އެވެ. މީގެ ތެރެއިން ކުޑަ އަށްޓެއް ވިއްސަކަށް މީހުންގެ ގްރޫޕަކަށް ބޭނުން ކުރެވޭނެ އެވެ.

އަށީގެ އަގު ކަނޑައަޅާފައި ވަނީ ދެ ގޮތަކަށް އަށި ނެގޭ ގޮތަށެވެ. އެގޮތުން ދުވަހެއްގެ އެއްބަޔަށް ކުޑައަށި ނަގާނަމަ 250 ރުފިޔާ، އަދި މުޅި ދުވަހަށް ނަގާނަމަ 500 ރުފިޔާއަށެވެ. ބޮޑު އަށްޓެއް ސާޅީހަކަށް މީހުންގެ ގްރޫޕަކަށް ބޭނުން ކުރެވޭނެ އެވެ. މި އަށި ވަކި ގްރޫޕަކުން އެއްކޮށް ނަގާނަމަ ބައި ދުވަހަށް 650 ދައްކަން ޖެހޭނެ އެވެ. އަދި މުޅި ދުވަހަށް ނަގާނަމަ ދައްކަން ޖެހޭނީ 1،200 ރުފިޔާ އެވެ.

ބޮޑު އަށްޓެއް ދެ ގްރޫޕަށް ބަހާނަމަ ބައި ދުވަހަށް ގްރޫޕަކުން ދައްކަން ޖެހޭނީ 250 ރުފިޔާއަށެވެ. އަދި މުޅި ދުވަހަށް ނަގާނަމަ ގްރޫޕަކުން ދައްކަން ޖެހޭނީ 450 ރުފިޔާ އެވެ.

ކުޑަގިރިއަށް ދަތުުރުކުރުމަށް ޕަބްލިކް ފެރީ ދަނީ ބާއްވަމުންނެވެ. ނަމަވެސް އަމިއްލައަށް ނަގައިގެން ދާ އުޅަނދުތަކަށް ރަށުގެ ފަޅުތެރޭގައި އަޅާފައި ބޭއްވުމުގެ ފީއެއްގެ ގޮތުގައި 300 ރުފިޔާ ދައްކަން ޖެހޭނެ އެވެ. އަދި މުޅި ދުވަހަށް ބާއްވާ ނަމަ 500 ރުފިޔާ ދައްކަން ޖެހޭނެ އެވެ.