ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް ބެލެހެއްޓުން ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީން ބަހުސްކުރުމަށްފަހު ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުން މިއަދު ފާސްކުރީ 43 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

ސަރުކާރުން ހުށައަޅާފައިވާ އިސްލާހުގައިވާ ގޮތުން އެސްޑީއެފްއަކީ މާލިއްޔަތު ގާނޫނުގައިވާ ވަކި އުސޫލުތަކެއްގެ ދަށުން ބަލަހައްޓަން ޖެހޭ ފަންޑެކެވެ. އަދި އެސްޑީއެފް އިންވެސްޓް ކުރާނެ ގޮތްތައް ނިންމަން ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން ޖެހޭނެ އެވެ. އެސްޑީއެފް ހިންގާނެ އުސޫލުތައް މާލިއްޔަތު ގަވާއިދުގައި ލިޔެ އޮޑިޓްކޮށް ހިސާބުތައް ތައްޔާރުކުރަން ވެސް ޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

މީގެ އިތުރުން ކަމާ ބެހޭ އިދާރާތަކާ އެކު މަޝްވަރާކުރުމަށް ފަހު ކޮމިޓީން އެ ބިލަށް ގެނައި އިސްލާހުގައި ވަނީ ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދޫކުރުމުގެ ބާރު ހަމައެކަނި މިނިސްޓަރަށް ލިބިދޭ ގޮތަށް އޮތް މާއްދާ ގާނޫނުގައި ކުރިންވެސް އޮތް ގޮތަށް ބޭއްވުމަށް ކަނޑައަޅާފަ އެވެ.

އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.

އެސްޑީއެފް ފަންޑްގައި މިދިޔަ އަހަރު ނިމުނުއިރު ހުރީ 6.3 ބިލިއަން ރުފިޔާ އެވެ. އަދި އެސްޑީއެފް ބޭންކް ބެލެންސްގައި ހުރީ 2.1 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ފަންޑަށް 820 މިލިއަން ރުފިޔާ ޖަމާކުރި އެވެ.