ސަރުކާރު ކުންފުނިތައް ހިމެނޭގޮތަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން، ގާއިމްކުރި 15 ބުރީގެ "މަލަސް ރެސިޑެންސް" އިފްތިތާހުކޮށްފި އެވެ.

މި ފުލެޓް އިފްތިތާހްކުރީ މިކަމަށްޓަކައި މިއަދު "މަލަސް ރެސިޑެންސް" ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެވެ.

މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި، އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުންގެ އިތުރުން މަޝްރޫއުގެ ކޮންޓްރެކްޓަރުގެ އޮފިޝަލުން ވެސް ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހު ވިދާޅުވީ، އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ގާއިމްކުރި "މަލަސް ރެސިޑެންސް" ރަސްމީކޮށް މިއަދު ހުޅުވިގެން ދިޔުމަކީ، މިކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވެހިކަމުގެ ފުރުސަތު ފަހިވެ، ހެޔޮ އަގުގައި އަމިއްލަ ތަނެއް ލިބުމަށް މަގުފަހިވެގެންދިޔަ ކަމެއް ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މަގު ފަހިކޮށްދިނުމަކީ، މިކަމަށް އެދި އެދި ތިބި ފަރާތްތަކަށް ސަރުކާރުން ހުޅުވާލަދިން ރަނުގެ ފުރުސަތެއް ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

އެމްޑަބްލިޔުއެސްސީ 'މަލަސް ރެސިޑެންސް' ތަޅުދަނޑި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: އެމްޑަބްލިޔުއެސްސީ

އެމްޑަބްލިޔުއެސްސީގެ 'މަލަސް ރެސިޑެންސް' ގައި ޖުމްލަ 192 އެޕާޓްމަންޓް ހިމެނެ އެވެ. މީގެ ތެރޭގައި 3 ކޮޓަރީގެ 60 އެޕާޓްމަންޓާއި، 1+2 ކޮޓަރީގެ 40 އެޕާޓްމަންޓާއި އަދި 1 ކޮޓަރީގެ 92 އެޕާޓްމަންޓް ހިމެނެ އެވެ. މީގެ އިތުރުން، މަލަސް ރެސިޑެންސްގައި ކުޑަކުދިންނަށް ޚާއްސަ ކުރެވިގެން ކުޅޭ އޭރިއާއަކާއި، ފިހާރައެއްގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާރކް ކުރުމަށް އިމާރާތުގެ ދެފަރާތުން ޕާކިން ޒޯނެއް ވެސް ގާއިމްކޮށްފައިވެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ "ދި މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލ.ޓ.ޑ އޮފް މިނެމެޓަލްސް" އާ ހަވާލުކޮށްގެންނެވެ.

"މަލަސް ރެސިޑެންސް" ގައި ހިމެނޭ އެޕާޓްމަންތަކުގެ ވެރިންނަށް ތަޅުދަނޑި ވަނީ މިހާރު ހަވާލުކޮށްފަ އެވެ. އަދި އެމްޑަބްލިޔުއެސްސީ އިން އެޕާޓްމަންޓް ލިބުނު ފަރާތްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، އިސްލާމިކް ބޭންކް މެދުވެރިކޮށް ފްލެޓަށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖެހިފަ އެވެ.

އެމްޑަބްލިޔުއެސްސީގެ ހިޔާ މަޝްރޫއުގެ ސަބަބުން މިކުންފުނީގެ ގިނަ މުވައްޒަފުނަށް ބޯހިޔާވަހިކަން ޔަގީންވެގެންދާނެ އެވެ.