ކަސްޓަމަރުންގެ އެކައުންޓްތަކުން މަކަރާއި ހީލަތުން ފައިސާ އަތުލުމާއި ގެއްލުމުގެ މައްސަލަތައް ކުރިމަތިވަނީ އެ ބޭންކުގެ އެއްވެސް ނިޒާމެއް ކޮމްޕްރޮމައިޒް ވެގެން ނޫން ކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދީފި އެވެ.

ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ އާއި ބައެއް ކަސްޓަމަރުން ނޭނގި މުއާމަލާތްތަކެެއް ހިންގާ ހުންނަ ކަމުގެ ޝަކުވާ އިތުރުވެފައިވެ އެވެ. އެކަންތައް ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ވެސް ވަނީ ގެނެސްފަ އެވެ.

މަޖިލީހުގެ ތަޅުމުގައި މެމްބަރުންތަކެއް ދެއްކި ވާހަކަތަކާ ގުޅިގެން ބޭންކަށް އަމާޒުކުރި ސުވާލުތަކަށް ލިޔުމުން ދިން ޖަވާބުގައި ބީއެމްއެލް އިން ބުނީ އެ ބޭންކުގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް ނެތް ކަމުގެ ޔަގީންކަން އެކި ފަހަރު މަތިން ބޭންކުން ދީފައިވާނެ ކަމަށެވެ.

ސްކޭމްތަކުގެ ކަންކަން ގިނަވެ، ކަސްޓަމަރުންގެ ފައިސާ ގެއްލިގެން ދިއުމަކީ ބޭންކުން ހިތާމަކުރާ ކަމެއް ކަމަށާއި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަކީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވާ ކަމެއް ނޫން ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ވެސް ސްކޭމްތައް ހިންގާ ފަރާތްތަކުން އެ މީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތް ގޮތަށް ބަދަލުކުރަމުންދޭ ބޭންކިން އާއި ގާނޫނުތަކާއި ގަވައިދުތައް އެންމެ ހަރުދަނާ އެއް ގައުމުކަމަށްވާ ސިންގަޕޫރަށް ބަލާއިރު މިދިޔަ އަހަރަކީ ރެކޯޑް މިންވަރަށް އެކި ސްކޭމްތަކުގައި ފައިސާ ގެއްލުނު އަހަރެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެ ގައުމުން 33،000 އަށް ވުރެ ގިނަ ސްކޭމް މައްސަލައިގައި 661 މިލިއަން ސިންގަޕޫރު ޑޮލަރު (7.5 ބިލިއަން ދިވެހި ރުފިޔާ) ގެއްލިފައިވެ އެވެ.

ސްކޭމް ހިންގާ ފަރާތްތަކުން އެ މީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލުކުރަމުން ދާ ކަމަށާއި އެ ޓްރެންޑްތައް ބަދަލުވާ ގޮތަށް ބަލައި އެ ވަގުތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް ބޭންކުން އަބަދުވެސް އަޅަމުން އަންނަ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެގޮތުން، އެ ބޭންކުން ފާހަގަކުރި ގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅު އެންމެ ގިނައީ އިންޓަނެޓް ބޭންކިން ޔޫސަނޭމް، ޕާސްވޯޑް އަދި ޖީމެއިލް ކޮމްޕްރޮމައިޒްވެގެން ފައިސާގެ މުއާމަލާތްތަކެއް ކުރި މައްސަލަތަކެވެ. އަދި ކަސްޓަމަރުގެ ޔޫޒަނޭމް، ޕާސްވޯޑް އަދި އީމެއިލްގެ ޕާސްވޯޑަކީ ބޭންކުގެ މުވައްޒަފުންނަށް ވެސް އެނގޭނެ މައުލޫމާތެއް ނޫން ކަމަށާއި އެއީ ބޭންކުގައި ރައްކާކޮށްފައި ހުންނަ މައުލޫމާތެއް ވެސް ނޫން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

އެކަމަށް ހައްލު ގެނައުމަށް ބޭންކުން ވަނީ ޑިފޯލްޓްކޮށް އޯޓީޕީ ފޮނުވާ ޗެނަލެއްގެ ގޮތުގައި އީމެއިލް ހުއްޓާލައި އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ހަމަޖައްސާފަ އެވެ. މި އަހަރުގެ ތެރޭގައި ކިއުއާރު ޕޭމަންޓްތަކާ ގުޅޭ ސްކޭމްތައް އިތުރުވުމާ އެކު، މިހާރު ވަނީ ކިއުއާރުން މުއާމަލާތް ކުރެވޭ ލިމިޓްތަކެއް ކަނޑައަޅާފަ އެވެ.

ބީއެމްއެލް އިން ބުނީ އެ ފިޔަވަޅުތަކާ އެކު ވެސް، ލިންކުތަކަށް ފިތައިގެން އިންޓަނެޓް ބޭންކިން ޔޫސަނޭމް އަދި ޕާސްވޯޑް ކޮމްޕްރޮމައިޒްވެފައިވާ މައްސަލަތައް ހުށަހެޅޭ ކަމަށެވެ.

"ކާޑުގެ މައުލޫމާތު ޖަހަން ފޮނުވާ ލިންކްތަކުން ވަދެވޭ ސައިޓްތަކުގައި ކާޑުގެ ޑީޓެއިލް ވެސް ޖަހާފައި އެބަ ހުރޭ. މި ހިސާބުން ސްކޭމް ހިންގާ ފަރާތްތަކަށް ކާޑުގެ ޑީޓެއިލް ވެސް ލިބޭ. ކާޑުގެ ޑީޓެއިލް ލިބުމުން އޮތެންޓިކޭޓަ އެޕް އަޅައިގެން އޮޓީޕީ ބޭނުންކޮށްގެން މުއާމަލާތްކޮށްފައި އެބަހުރި،" ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އީ-ސިމް ބޭނުންކޮށްގެން ޓްރާންސެކްޝަން ހެދި މައްސަލަތައް ވެސް ހުށަހަޅާފައި އެބަހުރި ކަމަށެވެ. އަދި އެ މައުލޫމާތުތައް ބޭނުންކޮށްގެން އީމެއިލްއަށް އޯޓީޕީ ލިބޭ ގޮތަށް ސެޓިން ހަދާފައި ހުންނަ ކަމަށާއި އެއާ އެކު، އަނެއްކާވެސް އީމެއިލްއަށް އޯޓީޕީ ގެނެސް، މުއާމަލާތްކުރުމުގެ ފުރުސަތު އޮންނަ އެ ބޭންކުން ބުނެ އެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް މިދަންނަވަނީ އިންޓަނެޓް ބޭންކިން ޔޫސަނޭމް އަދި ޕާސްވޯޑް ވެސް އަދި ކާޑުގެ މައުލޫމާތު ވެސް ސައްހަ ނޫން ވެބްސައިޓްތަކުގައި ބޭނުން ނުކުރުމަށް އަދި ގޮތް ނޭނގޭ ލިންކްތަކަށް ނުފިތުމަށް. ބޭންކުން ކެނޑިނޭޅި މި ދަނީ ކަސްޓަމަރުންގެ އެކައުންޓުން ހިންގާ މުއާމަލާތްތަކުގެ އެލާޓް އެސްއެމްއެސް މެދުވެރިކޮށާއި ޕުޝް ނޯޓިފިކޭޝަން މެދުވެރިކޮށް ފޮނުވަމުން. އެހެންކަމުން އިންޓަނެޓް ބޭންކިން ކޮމްޕްރޮމައިޒް ވެފައިވާ ކަމަށް ޝައްކު ކުރެވޭ ނަމަ ޕާސްވޯޑް ބަދަލުކުރުމަށް ވެސް އިލްތިމާސްކުރަން،" ބޭންކުން ބުންޏެވެ.