އެސްޓީއޯ އިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު މި ފަހަރުގެ ރޯދަމަހަށް ބޮޑުވިޔަ ނުދީ އެއް ވަރެއްގައި ހިފެހެއްޓުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ރޯދަމަހަށް ބޭނުންވާ ޒަރޫރީ ސާމާނު އެސްޓީއޯ އިން ލިބެން ހުންނާނެ ކަމަށެވެ. ފިޔާ، އަލުވި އަދި ބިހުގެ ތެރެއިން ބިސް ފިޔަވައި އަނެއް ދެ ބާވަތުގެ އަގު ވަނީ މިދިޔަ އަހަރަށް ވުރެ ވެސް ހެޔޮކޮށްފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ މި މަހުގެ 23 ގަ އެވެ.

އެސްޓީއޯއިން ބުނީ ރޯދަމަހު ހުސްވިޔަނުދީ ހިފެހެއްޓުމަށް، ޑިމާންޑް އަދި ސަޕްލައިއަށް ބަލައިގެން، ޖުމްލަ ހަ ޝިޕްމެންޓްއެއް ގެންނަން ރާވާފައިވާ ކަމަށެވެ. މިގޮތުން ފުރަތަމަ ޝިޕްމެންޓް މިދިޔަ މަހުގެ 27 ވަނަ ދުވަހު ގެނެސްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އިއްޔެ އިން ފެށިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން ވިއްކަން ފަށާފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

ހޯލްސޭލްކޮށް މުދާ ދޫކުރާނީ ތިން ސަރަހައްދަކުންނެވެ. އެއީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، ހޯލްސޭލް ސެންޓަރުން، އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖުންނެވެ.

އެހެންނަމަވެސް އިންޑަސްޓްރިއަލް ވިލެޖުން ދޫކުރަން ފަށާނީ މިމަހުގެ 5 އިން ފެށިގެން ކަމަށާއި ހުޅުމާލޭގައި ހުޅުވާ ރޯދަ މާޓްގެ ޚިދުމަތް ފެށޭނީ މިމަހުގެ 20ގައި ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެ ކުންފުނިން ބުނީ އަތޮޅުތެރޭގެ 11 ސަރަހަދެއްގައި ގާއިމްކުރެވިފައިވާ އެސްޓީއޯގެ 11 ފިހާރައަކަށް ފިޔާ ބިސް އަދި އަލުވި ފޮނުވާނެ ކަމަށެވެ. އަދި އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެ އެވެ.

"މީގެ އިތުރުން ރޯދަމަހަށް ހާއްސަކޮށްގެން، ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައްވެސް ގެނެވޭނެ. އަދި ލޯކަލީ ވެސް ބައެއް މުދާ ފިހާރައިން ހުސްވިޔަނުދީ ބެހެއްޓުމަށްޓަކައި ނެގޭނެ. އެގޮތުން، ލީސިން ޕާޓްނަރުން ފޯރުކޮށްދޭ މުދާ ވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިންނާއި، ހުޅުމާލެ ރޯދަ މާޓުއިން ލިބެން ހުންނާނެ،" އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ބުނީ މާކެޓްގައި ޒަރޫރީ ބޭނުމަށް ބޭނުންވާ ވަކި މުދަލެއްގެ އަގު މަތިވެގެން އަންނަ ނަމަ އެސްޓީއޯއިން އިންޓަވީން ކުރާނެ ކަމަށެވެ. އަދި އަގު ކޮންޓްރޯލް ކުރުމަށް މަސައްކަތް ވެސް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ފިޔާ، ބިސް، އަލުވި އާންމުންނަށް ވިއްކަން ހަމަޖެހިފައިވާ އަގުތައް:

  • - އަލުވި ކިލޯއެއް: 11ރ. އަށް - ފިޔާ ކިލޯއެއް: 9ރ. އަށް - ބިހެއް: 1.75ރ. އަށް

އެސްޓީއޯ އެގްރިސެންޓަރު

ރާއްޖޭގެ ދަނޑުވެރިން ހައްދާ އުފެއްދުންތަކުގެ ތެރެއިން މި ރޯދަމަހު ހާއްސަކޮށް މެލަން، ދޮންކެޔޮ، ފަޅޯ، ކަރާ، ކިއުކަންބާ އަދި މިރުސް ލިބެން ހުންނާނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މިތަކެތި އެސްޓީއޯ ހޯލްސޭލް ސެންޓަރު، ރޯދަ މާޓް އަދި ވިލިމާލެ ފިހާރައިން ވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.