މަސައްކަތުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ސްޓެލްކޯއާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ހާޝިމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ އެކުންފުނީގެ އެންމެ މުހިންމު އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން އެކުންފުނީގެ ކޮންމެ މުވައްޒަފަކީ ވެސް ސެޓިފިކެޓެއް ހާސިލްކޮށްފައިވާ މީހެއް ކަމަށް ހެދުން ކަމަށެވެ. އެގޮތުން ޕޮލިޓެކްނިކާއެކު މި ވެވުނު އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީންގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ސްޓެލްކޯގެ ޚިދުމަތް މިނާނެ ބަޔަކީ ސްޓެލްކޯގެ ކަސްޓަމަރުން، އެ ޓާގެޓަށް އެޗީވްކުރުމަށްޓަކައި މި ތަމްރީންޕްރޮގްރާމްކުރިއަށް މިގެންދަނީ. ފެނުގެ ނިޒާމު ގާއިމުކުރެވިފައިހުރި ރަށްތަކުގައި ގައާއި ސުވަރޭޖްތައް ގާއިމްކޮށްފައިކުރި ރަށްތަކުގައި އަސާސި ތަމްރީނު ލިބިފައި ހުރި މުވައްޒަފުން ބެތިއްބުން ބޭނުމަކީ،" ޝަރީފު ވިދާޅުވި އެވެ.

މަސައްކަތުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ސްޓެލްކޯއާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވާހަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުންމި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ސިއީއޯ މުހައްމަދު ހާޝިމް ވިދާޅުވީ ކޮންމެ އިދާރާއަކުން ވަޒީފާ ދިނުމުގައި ވެސް ލިބިފައިވާ ސަނަދަށް ބަލާނެ ކަމަށެވެ. އަދި ޕޮލިޓެކްނިކަކީ ވިޔަފާރި އުސޫލުން ހިންގާތަނަކަށް ނުވުމުން އެތަނުން ތަމްރީން ހޯދާ ދަރިވަރުންނާމެދު ކުންފުނިތަކުގެ އިތުބާރު އޮންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސައްކަތުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ސްޓެލްކޯއާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސްޓެލްކޯ

"ވަޒީފާގައި ކުރިއަށް މިދެވެނީ ސަރުކާރުން ޤަބޫލުކުރާ ސަނަދެއް ނުވަތަ އެކޮލިފކޭޝަން އެދާއިރާއަކުން ޚާއްސަ ތަމްރީންތަކާއި އެކުގަ ލިބިގެން. ހާއްސަކޮށް ސަރުކާރުގެ ސަތޭކަ ޕަސެންޓް ބަޖެޓަކުން ހިނގާ ތަމްރީނުދޭ މަރުކަޒަކަށް ވުމުން ހުންނަ ގޮންޖެހުންތަކެއް ވެސް ހުންނާނެ. އެހެންވީމަ ވަޒީފާދޭ ފަރާތްތަކާ ނުލައެެއް މޯލްޑިވްސް ޕޮލިޓެކްނިކަކަށް އެކަނި ކުރިއަކަށް ނުދެވޭނެ. މިތަން ޑިވެލޮޕްވެވޭނީ އެސްއޯއީތައް ނުވަތަ ވަޒީފާދޭ ފަރާތްތައް މިތަން ޑިވެލޮޕްކުރަން އެހީތެރި ވެދީގެން،" ހާޝިމް ވިދާޅުވި އެވެ.

މަސައްކަތުގެ ދާއިރާއަށް މީހުން ބިނާކުރުމަށް ސްޓެލްކޯއާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމް ވާހަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއާއި ޕޮލިޓެކްނިކުން ސޮއިކުރި އެއްބަސްވުމުގެ މަޤްސަދަކީ ޕޮލިޓެކްނިކުން ތަޢުލީމް ހާސިލްކުރާ ދަރިވަރުންނަށް އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން އަމަލީ ގޮތުން ތަޖުރިބާ ހޯދަދިނުމެވެ.

ސްޓެލްކޯއަކީ ރައްޔިތުން ބޭނުންވާ ގިނަ ޚިދުމަތްތަކެއް ދޭ ކުންފުންޏެއްކަމުން، އެ މަސްއޫލިއްޔަތު އަދާކުރެވޭނީ މަސައްކަތުގެގެ ހުނަރާއި ތަމްރީނު ލިބިފައިވާ މުވައްޒަފުން ބިނާކޮށްގެންކަމަށް ސްޓެލްކޯއިން ބުނެ އެވެ. އެހެންކަމުން މި އެއްބަސްވުމުގެ ދަށުން އެ މަގުސަދު ހާސިލްކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.