ހުޅުމާލެ ދެވަނަ ފިޔަވަހިން 17 ބިމެއް ސަރުކާރުން ގަތީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެ ބިންތަކުގައި ފްލެޓް އެޅުމަށް ކަމަށް އެޗްޑީސީން ބުނެފި އެވެ.

ސަރުކާރުން މީގެ ކުރިން ވެސް އެކި އެކި ބޭނުންތަކަށް ހުޅުމާލެ އިން ބިން ގަނެފައިވެ އެވެ. މީގެ ކުރިން ވެސް ބިން ގަންނަ އުސޫލުން މި ބިންތައް ވެސް ގަނެފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަތުންނެވެ. އެއީ ހުޅުމާލޭ ބިމުގެ މިލްކުވެރިކަން އޮންނަނީ އެޗްޑީސީއަށް ކަމަށް ވާތީ އެވެ.

ދައުލަތުން ގަނެފައި ވަނީ 15،000 އަކަފޫޓާއި 66،000 އަކަފޫޓާ ދެމެދު 17 ބިމެކެވެ. އެ ބިންތަކުގެ އަގަށް 878 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވެ އެވެ.

މިކަމާ ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބިންތައް ވިއްކާފައި ވަނީ އެޗްޑީސީ އާއި ފިނޭންސް މިނިސްޓްރީ އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް ބިމުގެ މިކްލުވެރިކަން ބަދަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފައިސާ ދައްކާ ހަލާސްކުރުމުން ކޯޓު މެދުވެރިކޮށް މި މަހު ވަނީ މި ބިންތަކުގެ މިލްކުވެރިކަން މިނިސްޓްރީ އޮފް ފިނޭންސްގެ ނަން މައްޗަށް ބަދަލުކޮށްފައި ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ހުޅުމާލެ ދެ ވަނަ ފިޔަވަހި ހިއްކުމަށާއި އެކި އުމްރާނީ ވަސީލަތްތައް ގާއިމުކޮށްފައި ވަނީ އެ ކުންފުނިން ލޯނު ނަގައި އަދި އެކި ގޮތްގޮތުން ހަރަދުކޮށްގެން ކަމަށާއި ހުޅުމާލެގެ ބިން އެކި ބޭނުންތަކަށް ދިނުމަށާއި ވިއްކުމުގައި އަބަދުވެސް ބިމުގެ އަގު ކަނޑައެޅިފައިވާ ކަމަށެވެ.

ކޮންމެ މަޝްރޫއެއްގެ ބިމުގެ އަގު ދެއްކުމުން މިލްކުވެރިކަން މިގޮތަށް ބަދަލު ކުރަމުން ގެންދާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި މި ބިންތަކަކީ އިޖްތިމާއީ ބޯހިޔާވަހިކަން ދިނުމަށް ބޭނުން ކުރެވޭނެ ބިންތަކެއް ކަމުން، ބިމުގެ އަގަކީ ވެސް މަޝްރޫއު ހިންގާ، އާންމުންނަށް ފޯރުކޮށްދޭ އިރު، ލުއި އަގުތަކެއް ހަމަޖެއްސުމަށް މަގުފަހިވެގެން ދާނެ ގޮތަށް ކަނޑައެޅިފައިވާ އަގެއް ކަމަށް އެޗްޑީސީން ބުނެ އެވެ.