ރޯދަ މަހަށް ހާއްސަކޮށްގެން ހިޔާ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހެދުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން ބުނީ މިދިޔަ އަހަރެކޭ އެއް ގޮތަށް މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށް ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ބިނާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުން ޖުމުލަކޮށް 18 ގޮޅި ދޫކުރުމަށް ކަނޑައެޅިފައިވާއިރު އެތަނުން 9 ގޮޅިއެއް ހިޔާގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ ކުރެވިގެންދާނެކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީއިން ބުނީ ބާކީ 9 ގޮޅި އާންމުކޮށް އިއުލާނުކޮށް ހުޅުވާލާނެ ކަމަށެވެ. އަދި އެސަރަހައްދުގައި މާރުކޭޓެއް ހެދުމުގެ މަގުސަދަކީ އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ރޯދަމަހުގެ ތެރޭގައި ލުއި ފަސޭހަތަކެއް ހޯދައިދިނުންކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ރޯދަމަހަކީ މިފަދަ ހިދުމަތްތަކަށް އޮންނަ ޑިމާންޑު ބޮޑުވާ މަހަކަށް ވުމާއެކު، މިކަމުގެ ސަބަބުން ހިޔާ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލިބިގެންދާނެ ދަތިތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން، މާލޭ ސިޓީ ކައުންސިލަށް ވެސް ހުޅުމާލޭ ފޭސް 2ގައި ވަގުތީ މާރުކޭޓެއް ހެދުމަށް މިހާރު ބިން ހަމަޖައްސާދީފައިވާ ކަމަށެވެ. އަދި ވިނަރެސް އިމާރާތުގެ ކޮމާޝަލް ބްލޮކްގައި އެސްޓީއޯގެ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ޔުނިޓެއް ކަނޑައެޅި ފާއިތުވެދިޔަ މަހުވަނީ ހަވާލު ކުރެވިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމަކީވެސް އެ ކޯޕަރޭޝަންއިން ބަލައިގަންނަ ކަމަކަށް ވެފައި، އެފަދަ ހުރިހާ ކަމެއްގައިވެސް، ހުރިހާ މުވައްސަސާއަކަށް ވެސް އެ ކޯޕަރޭޝަންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދޭ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.