ދިރާގަށް "ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކް" އެވޯޑް އޫކްލާއިން ހަވާލުކޮށްފި އެވެ.

އޫކްލާއިން މި އެވޯޑް ދިރާގާ ހަވާލުކޮށްފައި ވަނީ މިހާރު ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2023 ގަ އެވެ. އެ ކުންފުނީގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.

މިއަހަރުގެ ކުރީކޮޅުގައި އޫކްލާއިން ވަނީ 2022 ވަނަ އަހަރުގެ ސްޕީޑްޓެސްޓް އެވޯޑްސްއިން ރާއްޖޭގެ އެންމެ ހަލުވި ނެޓްވޯކްގެ އެވޯޑް ދިރާގަށް ލިބިފައިވާކަން އިއުލާންކޮށްފަ އެވެ. މިއީ އެކުންފުންޏަށް މި އެވޯޑް ޖެހިޖެހިގެން ލިބުނު ދެވަނަ ފަހަރެވެ.

މި އެވޯޑާ ހަވާލުވުމަށްފަހު ދިރާގުގެ ސީއީއޯ ވިދާޅުވީ ދިރާގަށް ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކް އޮޕަރޭޓަރުގެ މަގާމު އޫކްލާއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ކުންފުންޏަށް މިކާމިޔާބީ ހާސިލްކުރެވުނީ ދިރާގު މުވައްޒަފުންގެ ހިތްވަރާއި ކަސްޓަމަރުންނަށް ރަނގަޅު ފެންވަރުގެ ޚިދުމަތް ހޯދައިދިނުމަށް އެފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދަނޑިވަޅުގައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ކެނޑިނޭޅި ދެއްވަމުން ގެންދަވާ ތަރުހީބާއި އިތުބާރަށް ޝުކުރު ދަންނަވަން. އަދި ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަށްކަން ޔަގީންކޮށް އަރުވަން،" ދިރާގުގެ ސީއީއޯ ވިދާޅުވި އެވެ.

އޫކްލާގެ ސީއީއޯ ޑަގް ސަޓްލްސް ވިދާޅުވީ އޫކްލާގެ ސްޕީޑްޓެސްޓް އެވޯޑަސްއަކީ ދުނިޔޭގެ އެންމެ ހަލުވި އަދި އެންމެ މަތީ ފެންވަރުގެ ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް އޮޕަރޭޓަރުންނަށް ދޭ ޚާއްސަ އެވޯޑަކާއި ލަގަބެއް ކަމަށެވެ.

"މިގޮތުން ދިވެހިރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑް ދިރާގާ ހަވާލުކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި އެވޯޑަކީ 2022 ގައި ދިރާގުން ދެއްކި އާދަޔާޚިލާފު ޕަރފޯމަންސްގެ އަލިގަދަ ހެއްކެއް،" ޑަގް ސަޓްލްސް ވިދާޅުވި އެވެ.

އޫކްލާއަކީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ނެޓްވަރކް ޓެސްޓްކުރާ އެކި އެޕްލިކޭޝަން، ޑޭޓާ އަދި އެނަލަސިސް ހެދުމުގައި ދުނިޔޭގެ ފެންވަރުގެ މާހިރުންނެވެ. މިގޮތުން އޫކްލާގެ ފްލެގްޝިޕް ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓް އިން ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނެޓްވަރކްތަކުގެ ޕާރފޯމަންސާއި ކޮލިޓީއާ ބެހޭ ގޮތުން ގިނަ މައުލޫމާތު އެއްކުރެ އެވެ.

ދިރާގަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 ޕަސެންޓް މޮބައިލް 4ޖީ ކަވަރޭޖް ފޯރުކޮށްދީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. މިގޮތުން އެކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުން ފާގަތިކޮށް، ހަރުދަނާ އަދި ބާރުވެރި ޑިޖިޓަލް މުޖުތަމައުއެއް ބިނާކުރުމަށެވެ.