މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން އެމްވީ ރަން ސްޕޮންސަރ ކުރުމަށް ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާއި އެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ، މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި ޓީއެފްޖީ ގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރު ހުސެން ޒިނާން އެވެ. މިރަސްމިއްޔާތުގައި ޓީއެފްޖީގެ މެނޭޖްމަންޓް ޓީމާއި އެތުލީޓުންގެ އިތުރުން އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓް ޓީމާއި އަދި މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

އަމްޑަބްލިޔުއެސްސީ އިން މި ރަން ސްޕޮންސާ ކުރުމުގެ މައިގަނޑު މަގްޞަދަކީ، ދިވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަގުފަހިކޮށްދީ ކަސްރަތު ކުރުމަށް ހިތްވަރުދިނުމެވެ.

މިއެއްބަސްވުމުގެ ދަށުން، މިރަންގެ ބްރޭންޑިން އެމްޑަބްލިޔުއެސްސީ އިން އަލަށް ތައާރަފްކުރި އާރޯ ޕްރިމިއަމް ފެނާ ގުޅުވައި، "އާރޯ އެމްވީ ރަން" ގެ ނަމުގައި ޓައިޓެލް ސްޕޮންސާޝިޕް ވަނީ ދެއްވާފަ އެވެ. އަދި މިއާއެކު، ޓީއެފްޖީގެ ފަރާތުން އިންތިޒާމްކުރާ ބޮޑު ފަސް ރަން އާއި "ދަ މޯލްޑިވްސް ލޯންގް ރަން" ގެ ކޯ-ސޮޕޮންސްރ އެމްޑަބްލިޔުއެސްސީ ގެ ފަރާތުން ވަނީ ނަގާފަ އެވެ.

އެމްވީ ރަން ސްޕޮންސަރ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: އެމްޑަބްލިޔުއެސްސީ

ޓީއެފްޖީގެ ފަރާތުން، 2022 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު، އެކި އުމުރުފުރާތަކަށް ހުޅުވާލައިގެން ބާއްވާ، "އެމް.ވީ ރަން" އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދެވޭ ދުވުމުގެ ހަރަކާތެވެ. މިއަހަރު "އާރޯ އެމް.ވީ ރަން" ބޭއްވުމަށް ހަމަޖެހިފައި ވަނީ، 2 ޖޫން ވާ ހުކުރު ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން، ހުޅުމާލެގަ އެވެ.

ޖުމްލަ ފަސް ކިލޯ މީޓަރަށް ދުވަން ކަންޑައަޅާފައިވާ މިރަންގައި، ބައިވެރިވާ ދުވުންތެރިންގެ ތެރެއިން ފައިސާގެ ގިނަ އިނާމްތަކެއް ޓީ.އެފް.ޖީ ގެ ފަރާތުން ދިނުމަށް ވަނީ ނިންމާފަ އެވެ. މިގޮތުން، 1 ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 7،500 ރުފިޔާ، 2 ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 4،500 ރުފިޔާ އަދި 3 ވަނަ ހާސިލްކުރާ ކޮންމެ ބައިވެރިއަކަށް 2،500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން 50 މިނެޓް ތެރޭގައި ދުވެ ނިންމާ ފަރާތްތަކުގެ ތެރެއިން ގުރުއަތުލައިގެން ހޮވޭ ނަސީބުވެރިންނަށް ފައިސާ އާއި އަދި އެހެނިހެން އިނާމުތަކެއްވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމްވީ ރަން ސްޕޮންސަރ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: އެމްޑަބްލިޔުއެސްސީ

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ "ރާއްޖޭގެ އެންމެ ބޮޑު އެއް ޔޫޓިލިޓީ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން، ކުޅިވަރުގެ އެކި ހަރަކާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަކީ އެމް.ޑަބްލިޔު.އެސް.ށް ލިބޭ ވަރަށް ބޮޑު ފަޙްރަކާއި އުފަލެއްކަމަށެވެ."

"އާރޯ" ފެނަކީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިޔަމް ކޮލިޓީގައި ބިއްލޫރި ފުޅީގައި ބަންދު ކުރެވުނު ފެނެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތަށް ދިވެހި ފަންނުވެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ "އާރޯ" ބްރޭންޑް އެމް.ޑަބްލިޔު.އެސް.ސީ އިން ތަޢާރަފް ކުރީ 2022 ނޮވެންބަރުގަ އެވެ. އެމް.ޑަބްލިޔު.އެސް.ސީގެ އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ މުޖްތަމަޢުގެ ކުރިއެރުމާއި، ލާބައާއި އަދި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.