ދުނިޔޭގެ އެންމެ މަޝްހޫރު އެއާލައިނެއް ކަމަށްވާ ގަތަރު ގަތަރު އެއާވޭސްގެ އެމްބެސެޑަރު ކަމަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ހަމަޖައްސައިފި އެވެ.

ދިޕިކާ އަކީ ބޮލީވުޑްގައި ކާމިޔާބު ފިލުމުތަކެއް ކުޅެފައިވާ ބަތަލާއަކަށްވާއިރު އޭނާގެ ސަޕޯޓަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަކަން ފާހަގަ ކޮށްލެވެ އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ދިޕިކާގެ އިންސްޓަގްރާމް އެކައުންޓުންނާއި ގަތަރު އެއާލައިންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަނީ އެއާލައިންގެ ގްލޯބަލް އެމްބެސެޑަރު ކަމަށް ދިޕިކާ ހަމަޖައްސާފައިވާކަން އިއުލާނުކޮށްފަ އެވެ.

ގަތަރު އެއާވޭސްގެ އެމްބެސެޑެރަކަށް ހަމަޖެއްސުމާއި ގުޅިގެން ދިޕިކާ ވަނީ އެކަމާއި އޭނާ އުފަލުން ހުރިކަން އިއުލާނުކޮށްފަ އެވެ.

ދީޕިކާ އާއި ގުޅިގެން ގަތަރު އެއާވޭސް އިން އާ ބްރޭންޑް ކެމްޕޭނެއް ފެށުމަށް ވަނީ ނިންމާފަ އެވެ. އަދި ދިޕިކާ ގަތަރު އެއާލައިންގެ ޕީއާރު މަސައްކަތާއި ހަވާލުވާނެ އެވެ.

https://www.instagram.com/reel/CpNKrwfO_dN/?utm_source=ig_embed&ig_rid=2b7607df-e53e-46b0-9f8d-f87fe9e059fe

ގަތަރު އެއާވޭސް އިން މިހާރު ދުނިޔޭގެ 150 އަށް ވުރެ ގިނަ މަންޒިލަށް ދަތުރުކުރާއިރު ދިޕިކާ އެމްބެސެޑަރަކަށް ހަމަޖެހިގެންދިޔުމުން އެއާލައިން މަގުބޫލުކަން އިތުރުވެގެންދާނެ ކަމަށްވެސް އެއާލައިނުން ބުނެ އެވެ.

ދީޕިކާ އަކި އިންޓަނޭޝަނަލް އެކި ބްރޭންޑްތައް ޕްރޮމޯޓްކުރަން ފުރުސަތުތައް ފަހިވަމުން އަންނަ ވަރަށް ކާމިޔާބު އަދި އެހާމެ ނުފޫޒު ގަދަ ބަތަލާއެކެވެ. އެގޮތުން މިދިއަ އަހަރު ބޭއްވި ފީފާ ވޯލްޑްކަޕްގެ ތަށި ދައްކާލުމުގެ ޝަރަފު ވަނީ އޭނާ އަށް ލިބިފައިއެވެ. މި ތަށި ދައްކާލުމަށް ބައިވެރިވި ހަފްލާގައި އޭނާ ބައިވެރި ވެފައި ވަނީ ލަގްޒަރީ ބްރޭންޑެއް ކަމުގައިވާ ލުއީ ވުޓޯންގެ ހެދުމެއްގައި އެވެ.

ދީޕީކާ މިހާރު ވެސް ފިލްމް ޕްރޮޖެކްޓްތަކުގައި ވަރަށް ބިޒީ އެވެ. އެމްބެސަޑަރު ކަމާއެކު އިތުރަށް ބިޒީ ވެގެން ދާއިރު އޭނާގެ އާ މަސައްކަތްތަކުގެ ތެރޭގައި "ފައިޓާ" އާއި "ޕްރޮޖެކްޓް ކޭ" ހިމެނެ އެވެ. އޭނާގެ އެންމެ ފަހު ފިލްމަކީ "ޕަތާން" އެވެ.