ރާއްޖޭގައި ޗެކު ބޭނުންކުރާ މިންވަރު މަދުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި އެކްޝަން ޕްލޭނަށް އަމަލުކުރުން ފަސްކޮށްފި އެވެ.

ރާއްޖޭގައި ޕޭމަންޓްގެ ޚިދުމަތް އަވަސް އަދި ލުއިފަސޭހަ ގޮތެއްގައި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުންނާއި، ނަގުދު ފައިސާ އާއި ޗެކު ބޭނުންކުރުން މަދުކޮށް ޑިޖިޓަލް ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުމަށްޓަކައި ވަނީ މަސައްކަތްތަކެއް ފަށައިފަ އެވެ. އެގޮތުން އެމްއެމްއޭއާއި ބޭންކްތަކާ ގުޅިގެން ރާއްޖޭގައި ޗެކް ބޭނުންކުރާ މިންވަރު މަދުކުރުމާ ބެހޭ އެކްޝަން ޕްލޭނެއް އެކުލަވާލައި، އާއްމުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ.

މި އެކްޝަން ޕްލޭންގެ ދަށުން އެންމެ ފުރަތަމަ ތަންފީޒުކުރެވޭ ނިންމުމުގެ ގޮތުގައި، އަންނަ މަހުގެ 1ވަނަ ދުވަހުން ފެށިގެން، ވަކިވަކި ފަރުދުންނާއި، ހުރިހާ ވިޔަފާރިތަކުން ޗެކު ބޭނުންކޮށްގެން ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭހެން، ރާއްޖޭގައި ޗެކު ބޭނުންކޮށްގެން މުޢާމަލާތްކުރެވޭނެ އެންމެ މަތީ އަދަދަކީ ދިވެހި ރުފިޔާއިން ނަމަ 50،000 އަދި ޔޫއެސް ޑޮލަރުން ނަމަ 3،000 ވާނީ ކަނޑައަޅާފަ އެވެ.

އެހެން ނަމަވެސް އެމްއެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި އެކްޝަން ޕްލޭން ތަންފީޒުކުރުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކުން އެންމެ އެދެވޭ މިންވަރަށް ތައްޔާރުވެފައި ނުވާތީ، މިކަމަށް ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން އަންނަ މަހުގެ 1ވަނަ ދުވަހުގައި ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ނިންމުމަށް އަމަލުކުރުން ލަސްކޮށްފައިވާ ކަމަށެވެ.

ޗެކް ބޭނުންކުރާ މިންވަރު މަދުކުރުމާއިބެހޭ އެކްޝަން ޕްލޭންގައި ހިމެނޭ އެހެނިހެން ކަންކަމުގެ ތެރޭގައި ޕޭމަންޓް ހެދުމަށް ޗެކު ބޭނުންކުރާ މިންވަރު މަދުކޮށް ޑިޖިޓަލް ވަޞީލަތްތައް ބޭނުންކުރުމަށް ބާރު އެޅުމާއި، ޗެކު ޕްރޮސެސްކުރުމަށް ފީއެއް ތައާރަފްކުރުން ހިމެނެ އެވެ.

މީގެ އިތުރުން ވެސް، ބޭންކުތަކުން އެފަރާތުގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފަސޭހަކާމާއެކު ބޭނުން ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށާއި، ޑިޖިޓަލް ވަޞީލަތްތައް ބޭނުންކުރުމަށް އެފަރާތުގެ ކަސްޓަމަރުން އަހުލުވެރި ކުރުވާ ހޭލުންތެރިކުރުވުން ވެސް މި އެކްޝަން ޕްލޭންގައި ކުރުމަށް ކަނޑައަޅާފައިވެ އެވެ.