މުޖުތަމައުއަށް ދިމާވާ މައްސަލަތަކަށް ސައިންސް، ޓެކްނޮލޮޖީ، އެންޖިނިއަރިން އަދި މެތެމެޓިކްސްގެ ދާއިރާތަކުން ސްކޫލު ދަރިވަރުންގެ އީޖާދީ ހައްލުތައް ދައްކާލާ އުރީދޫ ސްޓެމް ފެއާ މިއަދު ފަށައިފި އެވެ.

ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އެންޖިނީރިން އަދި މެތެމެޓިކްސް) ތައުލީމާއި ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި އުރީދޫ އިން އިސްނަގައިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ވިމެން އިން ޓެކް މޯލްޑިވްސްއާއެކު ކުރިއަށްގެންދާ އުރީދޫ ސްޓެމް ފެއާ ފެށީ އިއްޒުއްދީން ސްކޫލް ހޯލުގަ އެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގައި މުޅިއަކު 7 ސްކޫލަކުން ނޮވިސް، ޖޫނިއާ އަދި ސީނިޢާ ކެޓަގަރީގައި ބައިވެރިވި އެވެ.

މި ފެއާގައި ބައިވެރިވާ ސްކޫލްތަކުގެ ތެރޭގައި އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، އިސްކަންދަރު ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް، މަޖީދިއްޔާ ސްކޫލް އަދި ކަލާފާނު ސްކޫލް ހިމެނެ އެވެ. މި ފެއާގެ ފުރަތަމަ ދުވަސް ހާއްސަކޮށްފައި ވަނީ ފެއާގައި ބައިވެރިވި ސްކޫލް ކުދިން ދައްކާލާފައިވާ ޕްރޮޖެކްޓްތަކަށް ފަނޑިޔާރުން ބަލާ މާކްސް ދިނުމަށެވެ.

ޖަޖުންގެ ފަނޑިޔާރުކަން މިއަދު މެންދުރު ފަހު 2:30 އިން ރޭގަނޑު 10:00 ކުރިއަށްދާނެ އެވެ. މި ފެއާ އާންމުންނަށް ބަލައިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތަކާއެކު ހުރިހާ ސިނާއަތްތަކެއްގެ މަސައްކަތުގެ ވައްޓަފާޅިއަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޓެކްނޮލޮޖީ ކުރިއަރަމުންދާ ބާރު ސްޕީޑާއެކު މި ބަދަލުތައް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެން ކަމުން ދުނިޔޭގެ މި ބަދަލުވަމުންދާ މާހައުލައް އަންނަން އޮތް ޖީލުން ސްޓެމް ދާއިރާތަކުގައި ހަރަކަކާތްތެރިވާނެ ތަޖުރިބާކާރުން ބިނާކުރުމަކީ، ރާއްޖޭގައި އީޖާދީ ހައްލުތައް ފޯރުކޮށްދީ، ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް. އުރީދޫ ސްޓެމް ފެއާގެ މަގުސަދަކީ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔޭގައި ކާމިޔާބީ ހޯދުމަށް ޓަކައި ޒުވާން ސިކުނޑިތަކަށް ލިބިފައިވާ އިލްމާއި ހުނަރުން ބާރުވެރިކުރުން ކަމަށް ނިޔާޒް އޭނާ ވިދާޅުވި އެވެ.

މިނިސްޓަ އޮފް އެޑިއުކޭޝަން އައިޝަތު އަލީ މިއަދު ވިދާޅުވީ ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ އިލްމާއި ހުނަރު ދަރިވަރުންނަށް ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އުރީދޫ ސްޓެމް ފެއާއަކީ ސްޓެމް ދާއިރާތައް ޕްރޮމޯޓްކޮށް، މި ދާއިރާތަކުން ކުރިއަށް ދިއުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ވަރަށް މުހިންމު ފެއާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އުރީދޫ ސްޓެމް ފެއާގެ މަގުޞަދަކީ ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކުރުވުމާއި، ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް ބޭނުންކޮށްގެން ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ބާރުއެޅުމާއި، ސްޓެމް މާއްދާތައް ތަޖުރިބާކުރުމަށް ދަރިވަރުންނަށް ތައުލީމީ ތަޖުރިބާއެއް ހޯދައިދިނުމެވެ.

އުރީދޫ މޯލްޑިވްސްއިން ވަނީ ނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް މި ފެއާއަށް ޒިޔާރަތްކޮށް، ބައިވެރިވާ ދަރިވަރުންގެ ޕްރޮޖެކްޓްތަކާއި ހުނަރު ބަލާލުމަށް އާންމުންނަށް ދައުވަތު އަރުވާފަ އެވެ. ފެއާގައި ދަރިވަރުން ހުށަހެޅި ޕްރޮޖެކްޓްތަކުގެ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ހަވީރު 6:00 އަށް ބާއްވާ އެވޯޑް ހަފްލާގަ އެވެ.