ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ބައެއް ލިންކްތައް ހިމެނޭހެން އާންމުންނަށް ފޮނުވަމުންދަނީ ސައްހަ ނޫން މެސެޖުތަކެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޗްޑީސީން ބުނީ އެ ކުންފުނީގެ ނަމުގައި ބައެއް ކަހަލަ ލިންކުތަކެއް ހިމެނޭގޮތަށް އާއްމުންނަށް މެސެޖުތަކެއް ލިބެމުންދާކަން އެ އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެފަދަ އެއްވެސް މެސެޖެއް އެއްވެސް ބޭނުމެއްގައި އާއްމުންނަށް ނުފޮނުވާނެ ކަމަށާއި، މިފަދަ ސައްހަނޫން މެސެޖުތަކާމެދު އާއްމުން ސަމާލުވުމަށް އެޗްޑީސީއިން ވަނީ އެދިފަ އެވެ.

އެޗްޑީސީއިން މިކަން ހާމަކޮށްފައިވާއިރު، އޮޅުވާލުމާއި މަކަރު ހަދައިގެން ފޭރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށްއިތުރުވެފަ އެވެ. އެގޮތުން އެކި ތަންތަނުގެ ނަމުގައި ފޭކް ކޯލްތަކާއި އެކި ކަހަލަ ލިންކް ފޮނުވާ، މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ އަތުލާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.

އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި، ޕާސްވޯޑް ހޯދުމަށްފަހު، އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފާ ކުރަމާއި، އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން އެކި ފިހާރަތަކުން ކިއުއާރު ސްކޭން މެދުވެރިކޮށް މޯބައިލް ފޯނާއި އިލެކްޓްރޯނިކް ޑިވައިސް އާއި ތަފާތު މުދާ ގަނެފައިވާ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ވެސް ބުނެފައިވެ އެވެ.