ހުޅުމާލޭގެ އަނދިރިކޮށް އޮންނަ 14 ޒޯންއެއްގައި 1,330 ލައިޓު ޖަހަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ އެ ޕްރޮޖެކްޓްގެ ދަށުން ފާހަގަ ކުރެވިފައިވާ 14 ޒޯންއެއްގައި 1,330 ލައިޓު ހަރުކުރާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދަނީ އެ ކޯޕަރޭޝަން އާއި ޗައިނާގެ ގުއަންގެޒޯ ޔުއަން މެކޭނިކަލް އެންޑް އެލެކްޓްރިކް ކޯ ލިމިޓެޑް އާ ގުޅިގެން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ޖޫން 1، 2021ގެ ނިޔަލަށް ނިންމަން ޖެހޭ މި ޕްރޮޖެކްޓްގެ މަސައްކަތް މިހާރު ޒޯން 1,2,3 އެއްގައި ކުރަމުން އަންނަ ކަމަށެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި އަލަށް އާބާދުވަމުން އަންނަ ސަރަހައްދުތަކާއި ފޭސް 1ގައި އާއްމުކޮށް ބޭނުންކުރާ ގިނަ މަގުތަކެއް އަނދިރިވެ، މަގު މަތީގައި ޖަހައިފައި ހުންނަ މަގުބައްތި މަދުވުމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ މީހުން އަބަދުވެސް ޝަކުވާ ހުށަހަޅާ ކަންބޮޑުވުން ފާޅުކުރަމުން އަންނަ މަސައްލައެއް ކަމަށެވެ.

"ހުޅުމާލޭގެ މާސްޓަ ޕްލޭނާ އެއްގޮތަށް ހުޅުމާލޭގައި ގިނަ ތަރައްޤީގެ މަޝްރޫޢުތަކެއް ދަނީ ހިންގެމުންނެވެ. މިމަޝްރޫޢުތަކުގެ ތެރެއިން ގިނަ ގެދޮރުވެރިކަމުގެ ޕްރޮޖެކްޓްތަކެއް ނިމި ގިނަ އަދަދެއްގެ ބަޔަކު ދަނީ ހުޅުމާލޭގައި އަލަށް އާބާދުވަމުން. މި ފަދަ ސަރަހައްދުތަކާއި ހުޅުމާލޭ ފޭސް 1 އާއްމުކޮށް ބޭނުން ކުރާ ގިނަ މަގުތަކެއް އަނދިރިވެ މަގު މަތީގައި ޖަހައިފައި ހުންނަ މަގުބައްތި މަދުވުމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކުކުން އަބަދުވެސް ޝަކުވާ ހުށަހަޅާ ކަންބޮޑުވުން ފާޅުކުރަމުން އަންނަ މަސައްލައެއް،" އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ ގިނަ ދުވަސްތަކަކަށް ފަހު އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސްޓްރީޓް ލައިޓް މާސްޓަ ޕްލޭނެއް އެކުލަވާލައިފައިވާ ކަމަށެވެ. އަދި މި ޕްލޭން އެކުލަވާލުމަށް ހުޅުމާލެ ފޭސް އެކެއްގައި މިހާރު މައްސަލަ ޖެހިފައިވާ މަގު ބައްތިތަކާއި، އަނދިރި މަގުތަކާއި ސަރަހައްދުތައް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެގޮތުން ފާހަގަކުރި 14 ސަރަހައްދެއްގައި ހުރި މައްސަލަ ޖެހިފައިވާ މަގު ބައްތިތައް ބަދަލުކޮށް، ކަނޑައެޅިފައިވާ ހަމަތަކަށް ފެތޭ ގޮތަށް އައު މަގު ބައްތި ހަރުކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.

"އައު މަގުބައްތި ހަރުކޮށް މަގުބައްތި އިތުރު ކުރުމުގެ ޕްލޭން ފަރުމާ ކުރެވިފައިވަނީ ވަކި މިންތަކަކަށް ބަލައިގެންނެވެ. އެހެންކަމުން މި ސަރަހައްދުތަކުގައި ލައިޓް ޕޯސްޓް ޖެހުމަށް ހަމަޖެހިފައިވާ ތަންތަނުގައި މިވަގުތު ހުރި ގަސްތަކާ ދިމާވާތީ، އެ ގަސްތަށް ނެގުމަށް ފަހު އެހެން ސަރަހައްދަކަަށް ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައި،" އެ ކުންފުނިން ބުންޏެވެ.

އެޗްޑިސީން ބުނީ އެގޮތުން ނެގޭ ގަސްތައް ނެގުމުގައި އަމަލު ކުރާނީ އީޕީއޭގެ ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ގަސްތަކަށް ވީހާ ވެސް ގެއްލުން ނުދީ މަގުތަށް އަނދިރި ނުވާނެހެން މަގު ބައްތި ބަދަލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"މި ޕްރޮޖެކްޓްގެ ދަށުން ގަސް ނަގަން ޖެހިއްޖެ ހާލަތެއްގައި ނެގޭ ގަސްތަށް ހުޅުމާލޭ ފޭސް ދޭއްގެ ބީޗް ސަރަހައްދުގައި އަދި ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި އަލުން އިންދުމަށް މި ކޯޕަރޭޝަނުން ވަނީ ނިންމާފައި،" އެޗްޑީސީން ބުންޏެވެ.