މޯލްޑިވްސް އޭވިއޭޝަން އެކެޑެމީން ފުރަތަމަ ފަހަރަށް ސްޓިމިއުލޭޓާ ފްލައިޓް ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި އެވެ.

މިއީ ރާއްޖޭގެ އެކެޑަމީއަކުން ސްޓިމިއުލޭޓާ ފްލައިޓް ޓްރެއިނިން ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

އޭވިއޭޝަން އެކަޑަމީ ހިންގަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަނާ ގުޅިގެންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި އެކެޑަމީ އުފެއްދީ ކުރީގެ ސަރުކާރުން ގާއިމްކުރި ފްލައިން ސްކޫލްގެ އެކި މައްސަލަތައް ފެންމަތިވެ، ދަރިވަރުންގެ ކިޔެވުން މެދުކަނޑާލަން ޖެހުމުން، ދަރިވަރުންނަށް ކިޔެވޭނެ މަގު ފަހިކޮށްދިނުމަށެވެ.

މޯލްޑިވްސް އޭވިއޭޝަން އެކެޑެމީގެ ހެޑް ސުލްތާން ރާމިޒް ވިދާޅުވީ އެ އެކެޑަމީން ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ ސްޓިމިއުލޭޓާ ތަމްރީން ޕްރޮގްރާމްގައި 5 ދަރިވަރުން ބައިވެރިވި ކަމަށެވެ. އަދި އެ ތަމްރީން ޕްރޮގްރާމްގެ މަގުސަދަކީ ދަރިވަރުން ޕައިލެޓުންނަށް ވުމުގެ ކުރިން ސްޓިމިއުލޭޓާގައި ފުރިހަމަކުރަން ޖެހޭ ގަޑިތައް ފުރިހަމަކުރުމަށް އެހީތެރިވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ދަށުން ޕައިލެޓުންނަށް ވުމުގެ ކުރިން ސްޓިމިއުލެޓާގައި ތިން ގަޑިއިރު ފުރިހަމަ ކުރަންޖެހެ އެވެ. އަދި ކަނޑައެޅިފައިވާ ގަޑިތައް ފުރިހަމަކުރުމަށްފަހު އެ ދަރިވަރުންނަށް ޕައިލެޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނެ ކަމަށް ސުލްތާން ވިދާޅުވި އެވެ.

މޯލްޑިވްސް އޭވިއޭޝަން އެކެޑަމީގެ ކިޔެވުން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 10ވަނަ ދުވަހު އެވެ. މިހާރު މިއެކެޑެމީގައި ޖުމްލަ 25 ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ކަމަށް އެ އެކެޑަމީން ބުނެ އެވެ. އޭގެ ތެރެއިން ގިނަ ދަރިވަރުންނަކީ މީގެ ކުރިން ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އޭއިރޮނޯޓިކްސްއިން އައްޑޫގައި ހިންގި ފްލައިން ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރުންނެވެ.

މޯލްޑިވްސް އޭވިއޭޝަން އެކެޑަމީން ބުނީ މިއަހަރުގެ ޖޫން މަހު ދަރިވަރުންގެ އައު ބެޗެއް ތަމްޜީން ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އިތުރު ޕްރޮގްރާމްތައް ވެސް ތަޢާރަފްކުރުމަށް މަސައްކަތްކުރުމަށް ކަމަށް އެ އެކެޑަމީން ބުނެ އެވެ.