ޔޫރަޕްގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް އެއް ފެއާ، އައިޓީބީގައި ބައިވެރިވުމަށް ޖަރުމަނުގެ ބާލިއަންއަށް ރާއްޖެއިން 233 މީހުންގެ ބޮޑު ވަފުދެއް އަތުވެއްޖެ އެވެ.

މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބާލިންގައި ކުރިއަށްދާ މިފެއާގައި ރާއްޖެއިން މިފަހަރު ބައިވެރިވީ. ކޮވިޑާ ހެދި ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

އެމްއެމްޕީއާރުސީން ބުނިގޮތުގައި ތިން ދުވަހުގެ މި އިވެންޓުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގެ ޓްރެވެލް ޓްރޭޑާއި ބައްދަލުކުރުމަށް ފުރުސަތު ލިބިގެންދާނެ އެވެ. އަދި މިފެއާގައި ވިޔަފާރިގެ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން، ދިވެހިރާއްޖެ މަގުބޫލު އަދި ރައްކާތެރި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރެވިގެން ދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އައިޓީބީ ފެއާގައި ހަދާފައިވާ ރާއްޖޭގެ ސްޓޭންޑްގައި މައުލޫމާތު ދެނީ. މިފަހަރުގެ ފެއާގައި 200 އަށް ވުރެ ގިނަ މީހުން ޓޫރިޒަމް އިންޑަސްޓްރީން ބައިވެރިވޭ. ފޮޓޯ: ޖަމީލް | ހުރިހާ

މިއަހަރުގެ ފެއާގައި ވިޒިޓް މޯލްޑިވްސްއިން ލައިވް ޕްރެސް ކޮންފަރެންސެއް މިއަދު ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެ ޕެނެލްގައި ވާހަކަދެއްކުމަށް ހަމަޖެހިފައި ވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.

ޖަރުމަނަކީ ރާއްޖޭގެ ޓޫރިޒަމް މާކެޓްގައި މުހިންމު މާކެޓެކެވެ. މި ގައުމުން މިދިޔަ އަހަރު ރާއްޖެއަށް 133،424 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. އެއީ ރާއްޖޭގެ މާކެޓްގެ 8 ޕަސެންޓެވެ. އަދި މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ޖަރުމަނުން 23،257 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.

އައިޓީބީ ފެއާގައި ހަދާފައިވާ ރާއްޖޭގެ ސްޓޭންޑްގައި މައުލޫމާތު ދެނީ. މިފަހަރުގެ ފެއާގައި 200 އަށް ވުރެ ގިނަ މީހުން ޓޫރިޒަމް އިންޑަސްޓްރީން ބައިވެރިވޭ. ފޮޓޯ: ޖަމީލް | ހުރިހާ

ޖަރުމަނަކީ މިދިޔަ އަހަރު ރާއްޖެއަށް ހަތަރު ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ގައުމެވެ.