ވިލާ ރިސޯޓްއިން ހިންގާ ރިސޯޓުތަކުގެ އާ ކޮންސެޕްޓްތައް ޖަރުމަނުގެ ބާލިންގައި މިހާރު ކުރިޔަށްދާ އައިޓީބީ ބާލިން ފެއާގައި ތައާރަފުކޮށްފި އެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާގައި ހުންނަ ރާއްޖޭގެ ސްޓޭންޑްގައި ވިލާ ރިސޯޓްސްގެ އާ ކޮންސެޕްޓްތައް އިއްޔެ ތައާރަފުކޮށްދެއްވީ ސަން އައިލެންޑްގެ ކުރީގެ ޖެނެރަލް މެނޭޖަރު އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި ވިލާ ގްރޫޕުން ހިންގާ ސަން އައިލެންޑްގެ ކޮންސެޕްޓަށް ކިޔަނީ ވިލާ ޕާކް އެވެ. އަދި މާލެ ކައިރީގައި އޮންނަ ޕެރަޑައިސް އައިލެންޑްގެ ކޮންސެޕްޓަށް ކިޔަނީ ވިލާ ނޯޓިކާ އެވެ.

އެ ދެ ރިސޯޓުގެ އިތުރުން އދ. ދިއްފުށީގައި ހިންގާ ހޮލިޑޭ އައިލެންޑް ރިސޯޓުގެ ކޮންސެޕްޓަށް ކިޔަނީ ވިލާ ހޭވަން އެވެ. އޭގެ އިތުރުން އެ ކުންފުނިން ބ. ހޮރުބަދޫގައި ރޯޔަލް އައިލެންޑް ރިސޯޓުގެ ނަމުގައި ރިސޯޓެއް ހިންގަ އެވެ. އެ ރިސޯޓުގެ ތީމަށް ކިޔަނީ "ވިލާ ވިލެޖް" އެވެ.

ވިލާ ރިސޯޓްސް އިން ހިންގާ ރިސޯޓުތަކުގެ އާ ކޮންސެޕްޓް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ޖަރުމަނުގެ ބާލިންގައި އިއްޔެ ތައާރަފުކޮށްދެއްވަނީ. ފޮޓޯ: ޖަމީލް | ހުރިހާ

އެ ރިސޯޓުތަކުގެ ކޮންސެޕްޓް ބަދަލުކުރި ނަމަވެސް މި ރިސޯޓުތަކުގެ ރިސޯޓުތަކުގެ ނަމެއް ބަދަލެއް ނުވެ އެވެ.

ބާލިންގައި އާ ކޮންސެޕްޓް ތައާރަފުކުރުމުގެ ރަސްމިއްޔާތަށްފަހު "ހުރިހާ" އަށް ދެއްވި އިންޓަވިއުއެއްގައި ވިލާ ރިސޯޓްސްގެ ޑައިރެކްޓަ ޕީއާރު އެންޑް މާކެޓިން ހަދީއްޖާ ސަނާ ވިދާޅުވީ ވިލާގެ ރިސޯޓުތަކަށް އަލަށް ގެނައި ބަދަލުތަކަކީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ފެށި ކުރަމުން އައި މަސައްކަތެއް ކަަމަށެވެ.

"މިގެނައީ ބަދަލުތަކަކީ އެ ރިސޯޓާ ގުޅުވައިގެން ގެނައި ބަދަލުތަކެއް. ޕެރަޑައިސް އައިލެންޑަށް މިގެނައީ ނޯޓިކަލް ތީމެއް. އެ ގޮތުން ޕެރަޑައިސް އައިލެންޑްގެ ކޮންސެޕްޓަށް މިކިޔަނީ ވިލާ ނޯޓިކާ. ސަން އައިލެންޑަށް މިގެނައީ ޕާކް ތީމް. އެއީ ސަން އައިލެންޑަކީ ވަރަށް ބޮޑު ރަށަކަށް ވީމަ. އެ ރަށުގައި ގެސްޓުންނަށް ވަރަށް ގިނަ އެކްސްޕީރިއަންސްތަކެއް ކުރެވޭނެތީ އެ ރަށުގެ ތީމަށް މި ކިޔަނީ ވިލާ ޕާކް،" އޭނާ ވިދާޅުވި އެވެ.

ސަނާ ވިދާޅުވީ އެ ކުންފުނިން ހިންގާ ހޮލިޑޭ އައިލެންޑް ރިސޯޓު އަލުން މަރާމާތުކުރުމަށް ފަހު އަންނަ އަހަރުގެ ތެރޭގައި އަލުން ހުޅުވާއިރު އެ ރިސޯޓުގެ ތީމް ވެސް "ވިލާ ހޭވަން" އަށް ބަދަލުވެގެންދާނެ ކަަމަށެވެ.

"ރިސޯޓުތަކުގެ މި ކޮންސެޕްޓް ބަދަލުތަކާއެކު އަޅުގަނޑުމެންގެ ވެބްސައިޓް ވެސް ބަދަލުވެގެން އަންނާނެ. އެ ބަދަލުތައް އަޅުގަނޑުމެން މި ތައާރަފުކުރީ،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މި މަސައްކަތްކުރީ ލަގްޒަރީ ބްރޭންޑިންއާއެކީގައި. އެ ކުންފުންޏަކީ ވަން އެންޑް އޮންލީ ކަހަލަ ޕްރޮޕަޓީތައް ރީބްރޭންޑްކުރުމުގައި ހަރަކާތްތެރިވި ބައެއް އެއީ."

ވިލާ ރިސޯޓްސް އިން ހިންގާ ރިސޯޓުތަކުގެ އާ ކޮންސެޕްޓް އައިޓީބީ ބާލިން ފެއާގައި ތައާރަފުކުރުމަށްފަހު ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިލާ ރިސޯޓްސްގެ އިސް ވެރިންނާއެކު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ޖަމީލް | ހުރިހާ

ސަނާ ވިދާޅުވީ ވިލާގެ ރިސޯޓުތަކުގެ ކޮންސެޕްޓް ބަދަލުކުރީ ކުންފުނީގެ ތެރޭގައި ވަރަށް ބޮޑަށް މަޝްވަރާކޮށް އަދި އެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ ފީޑްބެކް ވެސް ހޯދައިގެން ކަމަށެވެ. މި ބަދަލުތައް ގެނައުމުގެ ކުރިން ރިސޯޓުތައް މަރާމާތުކޮށް ވަރަށް ގިނަ ބަދަލުތައް ގެނެސްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ބަދަލުތައް ގެނެސް އަޅުގަނޑުމެން ތަފާތު ޕްރޮމޯޓްކުރަމުން ދަނީ ތަފާތު ކްލަޔަންޓުންތަކަކަށް. މިތަނުގައި މިކުރަނީ އެ މަސައްކަތް. ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުންދަނީ،" ސަނާ ވިދާޅުވި އެވެ.