ރާއްޖެއަކީ މިހާރު ދުނިޔޭގެ އެއްވަނަ ޓޫރިޒަމް މަންޒިލް ކަމަށާއި ނަމަވެސް ތިމާވެއްޓަށް އަންނަ ބަދަލުތަކާ ހެދި ރާއްޖޭގެ ރީތި ރަށްތައް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދޭން ހުރި ގޮންޖެހުންތައް ބޮޑު ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ވައިސް ޗެއާމަން ހުސެއިން އަފީފް ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ބާލިން މިހާރު ކުރިޔަށްދާ އައިޓީބީ ބާލިން ފެއާގައި ރާއްޖެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އަދި ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގާ ވިޔަފާރިވެރިޔާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކާ ހެދި ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖޭގެ ޓޫރިޒަމް ކުރިޔަށް ގެންދިއުން ކަމަށެވެ.

ތިމާވެއްޓާ ހެދި ރާއްޖޭގެ ޓޫރިޒަމަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ކުޑަކުރުމަށް ސަރުކާރާއި އިންޑަސްޓްރީން ވަރަށް ބޮޑު އެއްބާރުލެއް ލިބެމުން އަންނަކަން އަފީފް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މިގެންދަނީ ރާއްޖެއަށް ޓޫރިސްޓުންގެ އަޑުތައް އަހަމުން. އަޅުގަނޑުމެން އިސްކަންދެނީ ޓޫރިސްޓުންގެ ބޭނުންތަކަށް. އެ މީހުން ބޭނުން ނުވާ ކަންކަން ދޫކޮށްލަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ޓޫރިޒަމް އައީ ވަރަށް ބޮޑަށް ކުރިއަރަމުން ކަމަށާއި ނަމަވެސް ކޮވިޑަކީ ހުރިހާ ރިސޯޓުތަކަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ޖަރުމަނުގެ ބާލިން ކުރިޔަށްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ "އައިޓީބީ ބާލިން" ގައި ރާއްޖެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޓީގެ ވައިސް ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފް ވާހަކަދައްކަވަނީ. ފޮޓޯ: ޖަމީލް | ހުރިހާ

"ކޮވިޑަކީ އަޅުގަނޑުމެންނަށް ދިމާވި ވަރަށް ގޯސް ހާލަތެއް. އަޅުގަނޑުމެންގެ ބައެއް ރިސޯޓުތައް ހައެއްކަ މަސްވަންދެން ބަންދުކޮށްފައި ބާއްވަން ޖެހުނު. ވަރަަށް މުވައްޒަފުންގެ ވަޒީފާ ގެއްލުނު. ނަމަވެސް ސަރުކާރުގެ އެހީތެރިކަން އަޅުގަނޑުމެންނަށް އެ ދުވަސްވަރު ވަރަށް ބޮޑަށް ލިބިގެންދިޔަ،" ކޮވިޑާ ހެދި ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި ފުރަތަމަ އައިޓީބީ ފެއާގައި އަފީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ބުރަ މަސައްކަތެއް ކުރެއްވި ކަމަށެވެ. އަދި އެހާލަތުން ރާއްޖެ އެހާ އަވަހަށް އަރައިގަނެވުނީ ރައީސް ސޯލިހާއި އިންޑަސްޓްރީ ގުޅިގެން ކުރި ބުރަ މަސައްކަތުން ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އެ ވަގުތު ވެސް އެންމެ ފުރަތަމަ ދުނިޔެއަށް ހުޅުވާލި ގައުމު. އަޅުގަނޑު ގަބޫލުކުރަނީ އެއީ ސަރުކާރުން އެޅި ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޖަރުމަނުގެ ބާލިން ކުރިޔަށްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ "އައިޓީބީ ބާލިން" ގައި ރާއްޖެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޓީގެ ވައިސް ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފް ވާހަކަދައްކަވަނީ. ފޮޓޯ: ޖަމީލް | ހުރިހާ

އަފީފް ވިދާޅުވީ ކޮވިޑްގެ ދަތި ހާލަތުން މިހާރު އަރައިގަނެވި، އިހު އޮތް ހާލަތަށް ޓޫރިޒަމް އަލުން އިޔާދަވެފައިވާ ކަމަށެވެ. އަދި ރިސޯޓުތައް ވެސް މިހާރު ފުލްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ތިމާވެށީގެ ގޮތުން ދިމާވަމުން އަންނަ މައްސަލަތައް. އަޅުގަނޑުމެން މިގެންދަނީ ކުރިމަގުގައި އަޅާނެ ފިޔަވަޅުތަކާ މެދު ވިސްނަމުން. އެއީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކާ ހެދި ރިސޯޓުތައް ބެލެހެއްޓުން،" އަފީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓުތައް ވެސް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދޭން ޖެހޭ ކަމަށެވެ.